މާކެޓަށް ނެރުމަށް ތައްޔާރުކޮށްފައިވާ ފުރަތަމަ އަންޑާ ޑިސްޕްލޭ ކެމެރާ ނުވަތަ ޑިސްޕްލޭ އަޑީގައި ކެމެރާ ހިމެނޭ ފޯނު ޒީޓީއީއިން ދައްކާލައިފި އެވެ.

ޑިސްޕްލޭ އަޑީގައި ކެމެރާ ބޭނުންކުރުމުގެ ޓެކްނޮލޮޖީއަކީ ސްމާޓްފޯނު މިސްރާބު ޖަހާފައިވާ އޮތް ދިމާލެވެ. އެގޮތުން ޗައިނާގެ ބޮޑެތި ސްމާޓްފޯނު ކުންފުނިތައް ކަމަށްވާ ޝިއާއޮމީ އާއި އޮޕޯ ފަދަ ކުންފުނިތަކުން އެފަދަ ޕްރޮޓޯޓައިޕް ވެސް ވަނީ ދައްކާފަ އެވެ.

އެހެންނަމަވެސް ޒީޓީއީ ހާއްސަ ވަނީ އެއީ ޒީޓީއީގެ "އެކްސޯން 20 5ޖީ" އަކީ މާކެޓަށް ނެރޭ އޭގެ ފުރަތަމަ ފޯނަށް ވާތީ އެވެ.

އެ ޓެކްނޮލޮޖީ އާ އެކު ސްމާޓްފޯނުން ފެންނަ ނޮޗްތަކާއި މޮޓޮރައިޒްޑް ކެމެރާތަކުގެ ކަންތަކަށް ނިމުމެއް އަންނާނެ އެވެ. ސްމާޓްފޯނުގެ ޑިސްޕްލޭ ދަށަށް ކެމެރާ ލެވޭގޮތް ވުމުން ފޯނުގެ މޫނުމަތި އެއްކޮށް ސްކްރީނަށް ހެދުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

"އަޅުގަނޑުމެން ބޭނުންކޮށްފައި ވަނީ ވަރަށް ޓްރާންސްޕޭރެންޓް މެޓީރިއަލް އެއް. އެ މެޓީރިއަލްގައި ހުންނާނެ އޯގެނިކް އަދި އިނޯގެނިކް ޓެކްނޮލޮޖީ،" ޒީޓީއީ އިން ބުންޏެވެ.

ޒީޓީއީ އެކްސޯން 20ގެ ޑިސްޕްލޭ އަޑީގައި ކެމެރާ --- ފޮޓޯ : ޒީޓީއީ އެކްސޯން

އެކްސޯން 20ގެ ހެޑްލައިން ފީޗާއަކީ ޑިސްޕްލޭ އަޑީގައިވާ ކެމެރާ ޓެކްނޮލޮޖީ އެވެ. އެހެންނަމަވެސް އެހެން ފީޗާތަކަށް ބަލާނަމަ އެ ފޯނަކީ މިޑްރޭންޖް ފޯނެކެވެ. އެގޮތުން 8ޖީބީގެ ރެމް އަަކާއި ސްނެޕްޑްރެގަން 765ޖީ ޕްރޮސެސާއެއް އެ ފޯނުގައި ބޭނުންކުރާއިރު ފޯނުގެ ފަހަތުގައި ތަފާތު ހަތަރު ކެމެރާ ބޭނުންކުރާނެ އެވެ.

ޒީޓީއީ އިން ބުނާ ގޮތުގައި މިހާރު ވެސް އެ ފޯނަށް އޯޑަރު ކުރެވޭނެ އެވެ. އެހެންނަމަވެސް އެ ރިލީޒުކުރާނެ ސީދާ ދުވަހެއް ހާމަކޮށްފައެއްނުވެ އެވެ. އެ ފޯނު ޗައިނާގައި ވިއްކާނީ 320 ޑޮލަރަށެވެ.

ޝިއައޮމީއިން ވެސް ވަނީ އެފަދަ ފޯނެއްގެ ޓެކްނޮލޮޖީ ދާދި ފަހުން އާންމުކޮށްފަ އެވެ. އެހެންނަމަވެސް އެފަދަ ފޯނެއް ނެރޭނީ އަންނަ އަހަރުގައި ކަމަށް އެކުންފުނީން ބުނެއެވެ.