ވިއެނާ (ސެޕްޓެމްބަރު 02) : އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލު ކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނުން ސޮއިކޮށްފައިވާ އެއްބަސްވުން ދެމެހެއްޓުމަށް އެގައުމުތަކުން ނިންމުމުން އެމެރިކާ ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާ އެކު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމަކީ އެގައުމުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރަން އޮތް އެންމެ ރަނގަނޅު އެއްބަސްވުން ކަމަށް ބުނެ އެ އެއްބަސްވުން ދަމަހައްޓައި އެއެއްބަސްވުމާގެން ކުރިޔަށް ދިޔުމަށް ވިއެނާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އޭގައި ސޮއިކޮށްފައިވާ ގައުމުތަށް ކަމަށްވާ ރަޝިއާ، ޗައިނާ، ޖަރުމަނު، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުންނެވެ.

އެމެރިކާ ވަނީ މިއީ އެމެރިކާގެ މަގްސަދުތައް ހާސިލްކޮށްދޭ އެއްބަސްވުމެއް ނޫންކަމަށް ބުނެ 2018 ވަނަ އަހަރު އެ އެއްބަސްވުމުން އަމިއްލައަށް (އެކެހެރި ގޮތެއްގައި) ވަކިވެގެންފަ އެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ރަނގަނޅު ކަމަށްބުނެ އެއެއްބަސްވުން ދެމެހެއްޓުމަށް ރަޝިއާ، ޗައިނާ، ޖަރުމަނު، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާ ފިޔަވައި ދުނިޔޭގެ އެހެން ބާރުތައް އީރާނުގެ ދިފާއުގައި މަސައްކަތްކުރާތަން ފެނުމަކީ އިންތިހާއަށް ހިތާމަހުރި ކަމެއްކަމަށާ "ޓެރަރިސްޓުން" ނަށް ގައުމުތަކުން ވާގިވެރިވާތަން ފެނުމަކީ ދުވަހަކު ވެސް އެމެރިކާ ދެކެން ބޭނުންވާ މަންޒަރެއް ނޫންކަމުގަ އެވެ. އަދި ދުނިޔޭގެ އެހެން ބާރުތަކުން ބައިނަލްއަގްވާމީ ނިޒާމު ޚަރާބު ކުރަމުން ގެންދާކަމަށްވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ތުހުމަތު ކުރެއްވިއެވެ.

ވިއެނާގައި އިއްޔެ ބޭއްވި ބައްދަލުވުން

އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ދިފާއު ކުރުމަށް ވިއެނާގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ޗައިނާގެ ޚާރިޖީ ވަޒީރުގެ ނައިބު ވަނީ އެމެރިކާއަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވައި އެމެރިކާ އެކަނި ބޭނުންވާގޮތަށް ބައިނަލްއަގްވާމީ ނިޒާމު ބައްޓަންކުރުމުގެ ޒަމާން މާޒީވެއްޖެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ އެމެރިކާ 2018 ވަނަ އަހަރު އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވުމުން އެއެއްބަސްވުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ހައްގު އެމެރިކާއަށް ނޯންނާނެކަމަށް ވިދާޅުވެފަ އެވެ.

ޖަރުމަނު، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުން ވިދާޅުވީ އެމެރިކާ ވަކިވި ނަމަވެސް އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އޮންނާނެކަމަށާއި އެ އެއްބަސްވުމުން ދެމެހެއްޓުމަށް އެމެރިކާ ފިޔަވައި އެހެން ގައުމުތަކުން މަސައްކަތް ކުރާނެކަމުގަ އެވެ.

އެމެރިކާ ދާދިފަހުން ވަނީ ނިއުކްލިޔާ އެއްބަސްވުމަށް އީރާނުން އަމަލު ނުކުރާކަމަށްބުނެ އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. ނަމަވެސް ސަލާމަތީ މަޖިލީހުގައި ހިމެނޭ ކުޑަ ގައުމެއްކަމަށްވާ ޑޮމިނިކަން ރިޕަބްލިކްގެ ތާއީދު ފިޔަވައި އެހެން ގައުމެއްގެ ތާއީދު އެމެރިކާއަށް ނުލިބުމުން އެމެރިކާގެ މަސައްކަތްވަނީ މުޅިން ނާކާމިޔާބު ވެފަ އެވެ.

ނިއުކްލިޔާ އެއްބަސްވުމަށް އީރާނުން އަމަލު ނުކުރާކަމަށް ބުނެ އެމެރިކާ ސަލާމަތީ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ރަޝިޔާއާއި ޗައިނާގެ އިތުރުން އެމެރިކާގެ ބައިވެރިންގެ ގޮތުގައި ބެލެވޭ ޔޫރަޕްގެ ބޮޑު ދެބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންވެސްވަނީ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ އަމިއްލައަށް ވަކިވެފައިވާތީ އެކަމާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ހައްގާއި އަދި އެމައްސަލާގައި އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ހުށަހެޅުމުގެ ހައްގު އެމެރިކާއަށް ނޯންނާނެކަމަށް ބުނެފަ އެވެ.

އަނެއްކޮޅުން އދ. މެދުވެރިކޮށް އީރާނާ ދެކޮޅަށް އަޅާފައިވާ ހަތިޔާރު ވިއްކުމާއި ގަތުމުން މަނާކުރުމުގެ ގަރާރު އަންނަ އޮކްޓޯބަރު މަހުގެ 18ގައި ހަމަވާތީ އެމެރިކާ ވަނީ އެ ގަރާރު ވެސް އަލުން އައުކޮށް އީރާނާ ދެކޮޅަށް ހަތިޔާރުގެ އައު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅާފަ އެވެ. އެމެރިކާ ހުށަހެޅި ގަރާރުވެސް ވަނީ އެމަޖިލީހުގެ ތާއީދު ނުލިބުމުގެ ސަބަބުން ނާކާމިޔާބުވެފަ އެވެ.

އީރާނާ ދެކޮޅަށް ހަތިޔާރު މަނާކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް އެމެރިކާ ހުށަހެޅި ގަރާރަށް ތާއީދުކުރީ ކެރީބިއަންގެ ކުޑަ ގައުމެއްކަމަށްވާ ޑޮމިނިކަން ރިޕަބްލިކް އެކަންޏެވެ. މިމައްސަލާގައިވެސް އެމެރިކާގެ ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯ ވަނީ ކޯފާވެވަޑައިގެން ސަލާމަތީ މަޖިލީހުގެ މެންބަރުގައުމުތަކަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފަ އެވެ.

ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާގެ އާރާއި ބާރުކުޑަވެ އެމެރިކާގެ ނުފޫޒު ބަލިކަށިވަމުންދާ އިރު ބައިނަލްއަގްވާމީ ހުރިހާ ދާއިރާއެއްގައި ވެސް އެމެރިކާދަނީ އެކަހެރިވަމުންނެވެ. އެމެރިކާގެ ބާރާއި ނުފޫޒު ހުރި ދުވަސްވަރު އީރާނާދެކޮޅަށް އެޅި ހަތިޔާރު ގަތުމާއި ވިއްކުން މަނާކުރުމުގެ ގަރާރު ވެސް އަންނަ އޮކްޓޯބަރު 18ގެ ފަހުން އުވިގެންދިޔުމުން ހަތިޔާރު ވިއްކުމާއި ގަތުމުގެ މިނިވަންކަން އީރާނަށް އަލުން ލިބިގެންދާނެ އެވެ. (ނޫސްއެޖެންސީތައް)