އެފްރިކާގެ ގައުމެއް ކަމަށްވާ ރުވާންޑާގައި އެތައް ޓުޓްސީންތަކެއް މަރަމުން ގެންދިޔަ ޖެނޮސައިޑްގައި މީހުން ސަލާމަތްކުރުމުގައި އުޅުނު ޕޯލް ރަސެސާބާގީނާ ހައްޔަރުކޮށްފި އެވެ.

ޕޯލް ވަނީ ރުވަންޑާ މީހުން ސަލާމަތްކުރުމަށް އޭނާ މަސައްކަތްކުރަމުން ދިޔަ ހޮޓަލުން ހިޔާވަހިކަން ދީފަ އެވެ. އަދި އެކަމާ ގުޅިގެން ހޮލީވުޑް އިން ވަނީ އަކަމުގެ މައްޗަށް ހާއްސަ ފިލްމެއް ވެސް "ހޮޓެލް ރުވާންޑާ"ގެ ނަމުގައި އުފައްދައިފަ އެވެ. ޕޯލް އަކީ އެތައް ބައެއްގެ ހީރޯއެކެވެ.

އެހެންނަމަވެސް ރުވާންޑާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ޓެރަރިޒަމްގެ މައްސަލައެއްގަ އެވެ.

ރުވާންޑާގެ ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން ބުނީ، ޕޯލް ވަނީ މިހާރު އެހެން ގައުމެއްގެ އެހީއާ އެކު ރުވާންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އެހެންނަމަވެސް ކޮން ގައުމެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެ އޭޖެންސީ އިން ބުނެފައި ވަނީ ޕޯލް ހައްޔަރުކޮށްފައިވަނީ އޭނާއަކީ ޓެރަރިޒަމްގެ އަމަލުތަކެއް ރާވައި އެކަންތައް ލީޑުކޮށް އަދި އިތުރު މަސައްކަތްތައް ކުރަމުން ދިޔަ މީހަކަށް ވާތީ ކަމަށެވެ.

ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ޕޯލްގެ ދަރިފުޅު ޓްރެސޯރު ބުނީ އެ ވާހަކަ އަޑުއިވުނު ހިސާބުން ވަނީ ބޮޑު ޝޮކެއް ލިބިފައި ކަމަށެވެ.

"އެންމެ ފަހުން ވާހަކަ ދެއްކި އިރު ހުރީ ދުބާއީގައި. އެއީ މިދިޔަ ބުރާސްފަތި ދުވަސް. އެއަށް ފަހު އެއްވެސް ހަބަރެއް ނުވޭ،" އޭނާ ބުންޏެވެ.

އޭނާގެ ބައްޕައާ ދެކޮޅަށް ކުރަމުންދަނީ ދޮގު ދައުވާތަކެއް ކަމަށް ޓްރެސޯރު ބުންޏެވެ. އަދި އެ ހާލަތުގައި އެމެރިކާއިން އިންޓަވީންކުރުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.