13 Jan 2012, 19:00
ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ނިގުޅައި ގަނެވޭ ގޮތަށް އަމަލު ނުކުރުމަށާއި ރާއްޖޭގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަން ދެމިއޮންނާނެ ގޮތަށް ހާއްސަކޮށް އަމަން ބަހަލައްޓާ ފަރާތްތަކުން އަމަލުކުރަން އެޗްއާރުސީއެމުން އިން މިއަދު ގޮވާލައިފި އެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި އޮތީ މިވަގުތު ސިޔާސީ ހަލަބޮލިކަމެއްގައި ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ނޭދެވޭ އަސަރުކޮށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާމެދު ރައްޔިތުންގެ ހިތްތަކުގައިވާ ޔަގީންކަން ކުޑަވެ ބިރުވެރިކަން އުފެދެމުންދާ ކަމަށެވެ. އަދި އެކަމާ ވަރަށް ބޮޑަށް އެ ކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ.
"... ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން، މިނިވަންކަމާއެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިދީފައިވާއިރު، އެންމެހާ ފަރާތްތަކުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސް ކުރަމަވެ،"
އެ ބަޔާނުގައި ބުނަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުގެ މިނިވަންކަމާއި އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި އިންސާނީ ކަރާމާތް ނެގެހެއްޓުމާއި ހަމަހަމަކަމާއި ތަފާތު ނުކުރުގެ އަސާސީ އުސޫލުތައް ހިފެހެއްޓުމާއި އެކަންކަން ކުރިއަރުވާ ދެމެހެއްޓުމަށް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި ހަބަރު ފަތުރާ ވަސީލަތްތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
"... ޑިމޮކްރެސީއެއްގެ ޅަފަތުގައި އެންމެ އިސްކަމެއް ދޭންޖެހޭނެ ކަންކަމަކީ ވެރިކަން ހިންގާ ފަރާތާއި ދައުލަތް ޒިންމާދާރު ކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި ދެމެދު ދުޅަހެޔޮ ބިނާކުރަނިވި ގުޅުމެއް ގާއިމްކުރުމާއި، ކަންކަން ހައްލު ކުރުމުގައި މަޝްވަރާގެ ރިވެތި އުސޫލާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމުގެ ސަގާފަތެއް ގާއިމު ކުރުމުގެ އުސޫލު ގެންގުޅުމެވެ." ބަޔާން ބުނެ އެވެ. "މީގެ އިތުރުން، ޑިމޮކްރެސީގެ އުސޫލުތައް ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ، ސަރުކާރާއި ދައުލަތުގެ އިސް ފަރާތްތައް ކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ކޯޓުތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރެވޭނެ ގޮތަށް މަގު ފަހިވެފައި އޮތުމާއި އެ ތަންތަނުގެ އަގު ހިފެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ."