މި މަހުގެ 10 އިން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭގޮތަށް އުސޫލު ބަދަލު ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ ހުރިހާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ، ރާއްޖެ އަންނަ ފަތުރުވެރިންނާއި ކުރު މުއްދަތަކަށް ރާއްޖެ އަންނަ މީހުން ރާއްޖެ އައިސް އޮން އެރައިވަލްގައި ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭ ގޮތަށް އެޗްޕީއޭ އިން އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ޖުލައި 15 ގައި ބޯޑަރު ހުޅުވާލިއިރު، ޓޫރިސްޓުން ރާއްޖެ އައުމަށް ކޮވިޑް ނެގެޓިވް ރިޒަލްޓެއް ބޭނުމެއް ނުވެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މީގެ ކުރިން ވިދާޅުވީ ރާއްޖެ އައުމަށް ކޮވިޑް ނެގެޓިވް ޓެސްޓެއް ބޭނުން ނުވި ނަމަވެސް ގިނަ އެއާލައިންތަކަކުން ދަތުރުކުރާއިރު އަދި ބޯޑަރު ކްރޮސިން ޓްރާންސިޓަށްވެސް އެފަދަ ޓެސްޓެއްގެ ނަތީޖާ ބޭނުންވާއިރު ރާއްޖެ އަންނަ ޓޫރިސްޓުންވެސް ޕީސީއާރު ކޮވިޑް ނެގެޓިވް ޓެސްޓެއް ހުށަހަޅަން ހިމަނަން އެޗްޕީއޭ އާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އެކަހަލަ ކަމެއް ތައާރަފުވީމާވެސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މީހުންނަށް ފާހަގަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ބޯޑަރު އަލުން ބަންދު ކުރުމަކީ ރާއްޖެއަށް އެފޯޑު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"އިންޓަނޭޝަނަލް ބޯޑަރު ބަންދުކުރުން އެފޯޑެއް ނުކުރެވޭނެ. ޖެހޭނީ މިއާއެކު އުޅޭނެ ފޯމިއުލާ އެއް ހޯދަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އަންނަ މަހުގެ 15 އިިން ފެށިގެން ގެސްޓްހައުސްތައް ހިންގުމުގެ ހުއްދަ ދޭންވެސް ނިންމައިފައެވެ. އަދި ޓޫރިސްޓުންނަށް އެއް ރިސޯޓަށްވުރެ ގިނަ ރިސޯޓުގައި ޗުއްޓީ ހޭދަކުުރުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމައިފައެވެ.