13 Jan 2012, 18:11
ސައިކަލެއްގައި ދިޔަ ދެ މީހަކު ބިދޭސީ ޓީޗަރެއްގެ ކަރުގައި އޮތް ރަން ފަށެއް މިއަދު ފޭރިގެންފި އެވެ.
މަންޒަރު ދުށް މީހަކު ބުނީ މިއަދު 2:15 އެހާކަންހާއިރު މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ކައިރީ، ހުންނަ "ލޫޅާފަތި" ފިހާރަ ކުރިމަތިން ބިދޭސީ އަންހެން ޓީޗަރު ހިނގާފައި ދަނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކު އަތް އެއްލައި އެ މީހާގެ ކަރުގައި އޮތް ފަށް ފޭރިގަތީ ކަމަށެވެ.
އެ މީހާ ބުނީ ކަރުގައި އޮތް ފަށް ފޭރިގަތީ ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށާއި އެ ސައިލުގެ ނަންބަރާއެކު ފުލުހުންނަށް ރިޕޯޓްކޮށްފައިވާނެ ކަމަށެވެ. ފޭރުނު ދެ މީހުން ދިޔައީ ވޭވް ބުރޭންޑްގެ ސައިކަލެއްގައި ކަމަށް ވެސް މަންޒަރު ދުށް އެ މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިހާރު މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ރާއްޖޭގައި ފޭރުން ހާއްސަކޮށް އަތުގައި އޮންނަ ފައިސާ ދަބަހާއި ކަރުގައި ހުންނަ ރަން ރިހީގެ ގަހަނާ ފޭރުން ވަނީ އާންމުވެފަ އެވެ. މާލޭގައި ފޭރުން އިތުރުވެފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާތީ ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުން އެކަމަށް ސަމާލުވެ ރައްކާތެރިވެގެން އުޅުމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވެސް ވަނީ ނޯޓިހެއް ވެސް ނެރެފަ އެވެ.