01 Sep 2020, 22:20
ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، "ކޯވިޑް ހުއްޓުވާނީ އަހަރެން" މި ނަމުގައި މިއަދު ފެށި ކެމްޕޭން، އިފްތިތާހްކޮށްދެއްވައި، ފޮނުއްވި ވީޑިއޯ މެސެޖުގައެވެ.
ރައީސް ވިދާޅުވީ ކޮވިޑާ ގުޅޭ ގޮތުން ރާއްޖޭގެ ހަގީގީ މަންޒަރު، އަދިވެސް ގިނަ މީހުންނަށް ނޭނގޭ ކަމަށާއި ރާއްޖޭގެ ހާލަތު ރަނގަޅަށް ބުނެ ނުދެވޭ ކަމަށެވެ.
"ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަގީން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށާއި އަދި އެހެން ރަށަކުން ބަލި މީހަކު ފެނުނަސް، ސިއްހީ ހިދުމަތްތެރިން ވަރަށް ރަނގަޅަށް އެކަން މޮނިޓާކޮށް ކޮންޓްރޯލް ކުރަމުން އަންނަ ކަމަށެވެ.
އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް އޮންނަނީ މުޅިން ވަކިންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"މި މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަކަށް ނުދެވޭ. މިއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުވަން ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
އަދި މީޑިއާތަކުން މިއަދު ފެށި ކެމްޕޭންގެ ތެރެއިން، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ބަލީގެ ނުރައްކާތެރިކަން ކުޑަ ގައުމަކަށް ހެދެން އޮތީ، އެންމެން އެކުގައި މަސައްކަތްކޮށް، ބަލި ފެތުރުން ކޮންޓްރޯލްކޮށްގެން ކަމަށެވެ.
"ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން. ވަކިން ހާއްސަކޮށް، ޒަރޫރީ ކަމެއްގައި ނޫނީ، އާންމުންގެ ތެރެއަށް ނުނިކުތުމަށާއި، ނުކުންނަން ޖެހުނަސް، މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުން. ގިނަގިނައިން އަތް ދޮވުމާއެކު، ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުން،" ރައީސް ވިދާޅުވިއެވެ.
ބަލީގައި ރާއްޖެއިން މިހާތަނަށް 29 މީހަކު މަރުވެފައި ވާއިރު، އެއީ އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން މުޅި ގައުމަށްވެސް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ބަލި ޖެހޭ މީހުންގެ އަދަދު މަދު ނުކުރެވިއްޖެ ނަމަ، ރާއްޖޭގެ ސިއްހީ ނިޒާމަށް އޮބި ނޯންނަ ހާލަތަށް ކަންތައް ހިނގައިދާނެ ކަމަށާއި ފަރުވާ ކުރެވޭނެ ވަސީލަތްތަކާއި އާލާތްތައް ހޮސްޕިޓަލުތަކުގައި ހުއްޓަސް، ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާ ވަރަށް ބަލި މީހުން އިތުރުވެއްޖެ ނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 8،000އާ ގާތްކުރާއިރު އެ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 5،155 އެވެ.
ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ފަތުރުވެރިން ވަނީ އަންނަން ފަށައިފައެވެ. އަދި ރާއްޖެ އަންނަ ބައެއް ފަތުރުވެރިން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.