ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖެ ވިއްކާލަން އުޅޭކަމަށް އިދިކޮޅުން ކުރާ ތުހުމަތުތައް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ދޮގުކުރައްވައިފިއެވެ.

އިންޑިއާއަށް ރާއްޖެ ވިއްކާލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖޭގައި މުޒާހަރާވެސް ކޮށްފައެވެ.

މަޖިލިސް ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ހެދި "ޑީލް" ތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައިވާ ގޮތުގެ އެންމެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން ސަރުކާރުން ފަސް ޖެހޭތީ، އިދިކޮޅުން އެކަމުގެ ނާޖާއިޒް ފައިދާ ނަގައި ކަންކަން އޮޅޭގޮތަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އަދި ރާއްޖެ ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ދޮގު ތުހުމަތުތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވަނީ ޗައިނާއިން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަ މިއަދުވެސް ތަކުރާރު ކުރައްވައިފައެވެ.

މާލެ ތިލަފުށި ބްރިޖް މަޝްރޫއަށް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ ލޯނު އެހީއަކާއި، ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ އެހީއެއް ދޭން އިންޑިއާއިން ވަނީ ނިންމައިފައެވެ.

އެ ނިންމުމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ އެއީ ރާއްޖެއަށް އެންމެ ބޭނުންވާ ފަދަ ލުއި އެހީއެއް ކަމަށާއި، އޭގެ ސަބަބުން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ނުޖެހޭނެ ކަމަށެވެ.