01 Sep 2020, 18:18
ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ، އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައި ވާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެދި ރާއްޖޭގެ ކެފޭ، ރެސްޓޯރަންޓުތަކުގެ ވެރީންގެ ފަރާތުން ރައްޔިތުންގެ މަޖިލީހާއި އެޗްޕީއޭއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ދިވެހި 108 ވިޔަފާރިއެއްގެ ވެރިން ސޮއިކޮށް، ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ކޮވިޑް19 ގެ ނުރައްކާތެރި ހާލަތު ދިވެހިން ތަހައްމަލު ކުރަމުންދާ ވަގުތު ދިވެހި ވިޔަފާރިތަކަށް ވެސް އެކަމުން ނުހަނު ބޮޑު ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ.
އެގޮތުން އެތައް ވިޔަފާރިތަކެއް ބަނގުރޫޓު ވެފައިވާ ކަމަށާއި އެހެންކަމުން މަޖިލީހާއި އެޗްޕީއޭއަށް ޕެޓިޝަނެއް ހުށަހެޅީ ކަމަށެވެ.
އެ ޕެޓިޝަނުގައި ބުނެފައި ވަނީ ހިދުމަތްދެވޭ ގަޑިތަކަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން 70 ޕަސެންޓާއި 80 ޕަސެންޓާ ދެމެދުގެ ދަށްވުމެއް ކޮންމެ ދުވަހެއްގެ ވިކުރާއަށް އަންނަ ކަމަށެވެ.
އަދި ރޭގަނޑު އަށެއްގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރެވިފައި ވާތީ، ކާބޯތަކެތި ޑެލިވެރީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ހަމައެއާއެކު ކުނިއުކުމުގައި ވެމްކޯއިން ނަގާ އަގު ބޮޑު ކަމަށާއި އެހެން ނަމަވެސް ހިދުމަތް ހޯދުމަށް އިތުރު ފަރާތަކަށް ދިއުމުގެ ފުރުސަތު ނެތުމާއެކު އެ އަގު މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހެޔޮކުރެވޭނެ އެއްވެސް އިތުރު ގޮތެއް ނެތް ކަމަށް ވެސް ޕެޓިޝަނުގައި ވެއެވެ.
މީގެ އިތުރުން ކަރަންޓު، ފޯނު، ފެން ފަދަ ޒަރޫރީ ބޭނުންތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު އެ ފައިސާ ދެއްކުމުގައި ބަހާލެވޭނެ ނުވަތަ ލުޔެއް ލިބޭނެ ފަސޭހަ އިންތިޒާމެއް ނެތުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވިޔަފާރިއަށް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އަދި ވަޒީފާގައި ތިބޭ ދިވެހީން އަދި ބިދޭސީންގެ މުސާރަ އާއި އިނާޔަތްތަށް ދިނުމުގައި ދަތި ދުވަސްކޮޅަކަށް ވީހިނދު ދިވެހި ކޭޝިއަރުންނާއި އެހެނިހެން މަގާމުތައް ފުރަމުންދާ ފަރާތްތައް ވަޒީފާ ދޫކުރުމާއިއެކު އާކުދިން ނަގައި އެ ކުދިން ތަނަށް ފަރިތަކުރުމާއި ތަމްރީނުތައް ދިނުމުންވެސް ދިވެހިން ވަޒީފާގައި ގާއިމުވެ ތިބުމަށް އުޒުރުވެރިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ރައްކާތެރިކަމާއި އެކު، ރަޖިސްޓްރީކޮށްގެން ކާބޯތަކެތި ވިއްކާ ތަންތަނާއި، ކެފޭ ރެސްޓޯރަންޓްތަކުން ރޭގަނޑު 11:00 އަށް ހިދުމަތްދެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ވަނީ އެދިފައެވެ.
އަދި ހުއްދަ ނަގަންޖެހޭ ފަރާތެއްގެ ހުއްދައާއިއެކު ރޭގަނޑު 02:00 އާއި ހަމައަށް އެއްގަމު އުޅަނދުގައި ޑެލިވެރީގެ ހިދުމަތް ދެވޭނެ މަގުފަހި ކޮށްދިނުމަށާއި ޑެލިވަރީ ކުރާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ހުއްދައެއް ކަމާބެހޭ ފަރާތްތަކުން ދޫކޮށްގެން، ކާފިއު ގަޑީގައިވެސް އެ ހުއްދައާއިއެކު ޑެލިވެރީ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ.
ހަމައެއާއެކު ދިވެހި ކޭޝިއަރުން ވަޒީފާގައި ތިބުމަށް ލާޒިމުކުރުން ހުއްޓާލަދިނުމަށާއި ވެމްކޯ އިން އެކަނި ކުނިއުކޭ ގޮތައް އޮތް އޮތުން ބަދަލުކޮށް މިވަގުތައް އެހެންފަރާތްތަކާއި ހަވާލުކޮށްގެންވެސް ކުނި އުކޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ވެސް ޕެޓިޝަނުގައި އެދިފައިވެއެވެ.
އަދި ޒަރޫރީ ބޭނުންތަކުގެ ބިލްތަށް ކަރަންޓު ފެން ފޯނު ފަދަ ހިދުމަތްތަކުގެ ބިލު ބަހާލައިގެން ދެއްކޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ވެސް އެދިފައިވެއެވެ.
އަދި ނުދެއްކި ހުރި ބިލްތައްވެސް ބަހާލައިގެން ދައްކާލެވޭނެ ލުއި ގޮތްތަކެއް ކަނޑައަޅައިދިނުމަށް ވެސް ވަނީ އެދިފައެވެ. މި ލުޔާއެކު ސަބްސިޑަރީއެއް ވިޔަފާރިތަކަށް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ވެސް ޕެޓިޝަނުގައިވެއެވެ.
"މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން, ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ފަރާތްތަކަށްވެސް މި ދަތިތައް ހުރުމާއި އެކު މި ކަމަށް ހައްލެއްގެނެސްދެއްވޭނީ ތިޔަ ފަރާތުންކަމަށް ގަބޫލުކުރާ ހާލު މި ކަންކަމަށް ވީ އެންމެ އަވަހަކަށް ހައްލެއް ގެނެސްދެއްވުމަށް އެދި އަޅުގަނޑުމެން ހުރިހާ ވިޔަފާރިއަކުން އެކުގައި އެދި
ދަންނަވަމެވެ."
އެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއީ އެއްވެސް ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ބަޔަކަށް ނުވި ނަމަވެސް، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ވެރިންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށެވެ.
އަދި މިވަގުތު ވަކި ވަކި ކެފޭ، ރެސްޓޯރެންޓް ވެރިންނަށް ވީނަމަވެސް، ކައިރި މުސްތަގްބަލުގައި ޖަމިއްޔާއެއް އުފައްދައި، މިފަދަ ކޮންމެ ކަމެއްގައި، ވިޔަފާރިތަކުގެ ހައްގުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށް ވެސް ބުނެފައިވެއެވެ.
އަދި އެ ޖަމިއްޔާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
"ސަރުކާރުގެ ގަވާއިދުތަކަށް އެންމެން ވެސް ކަމޭހިތާ ހާލު ރަޖިސްޓްރީ ނުކޮށް ހިންގާ ކާބޯތަކެތީގެ ވިޔަފާރިތައް އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭގޮތަށް ރަޖިސްޓްރީކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ފުރިހަމަ ސަޕޯޓް ލިބޭނެ ވާހަކަވެސް ދައްނަވަމެވެ." ބަޔާނުގައިވެއެވެ.