އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް އިން ދޭ "އެއާޕޯޓް ހެލްތު އެކްރިޑަރޭޝަން" ސެޓްފިކެޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ލިބިއްޖެއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އޭސީއޭ އިން ދޭ އެއާޕޯޓް ހެލްތު އެކްރިޑަރޭޝަން ސެޓްފިކެޓު ވީއައިއޭ އަށް ލިބުމަކީ ކާމިޔާބެއް ކަމަށެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުން މި އެކްރިޑަރޭޝަން ލިބުނު ދެ އެއާޕޯޓުގެ ތެރޭގައި ވީއައިއޭ ހިމެނިފައިވާއިރު، މި އެކްރިޑަރޭޝަން ސެޓްފިކެޓް އެވޯޑުކޮށް އޭސީއައި ވޯލްޑުގެ ޑިރެކްޓާ ޖެނެރަލް ލުއިސް ފެލިޕް ޑީ އޮލިވޭރިއާ ވަނީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގޯޑަން ސްޓެވާޓް އަށް އިއްޔެ ސިޓީ އެއް ފޮނުއްވައިފައެވެ.

ޑިރެކްޓާ ޖެނެރަލް ވަނީ އޭސީއޭގެ އެކްރިޑަރޭޝަން ސެޓްފިކެޓު ހާސިލްކޮށް އެމްއޭސީއެލް އިން ހޯދި ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެފައެވެ.

ވީއައިއޭގެ އެރައިވަލް ޓާމިލަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވީއައިއޭ އަށް މި އެކްރިޑަރޭޝަން ލިބުނުއިރު ވީއައިއޭ އިން ވަނީ އޭސީއައި އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެއާޕޯޓުގެ ސަލަމަތައި ރައްކާތެރިކަމުގެ މިންގަނޑުތައް ފައްތައި އެކަން ޔަގީންކުރުމަށް ހާއްސަ އެސެސްމެންޓެއްވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އައިކާއޯ ކާޓް، އީއޭއެސްއޭ އަދި އޭސީއައިގެ ރިކަވަރީ ގައިޑްލައިންތަކާއި ޔޫރަޕުގެ އޭސީއައި ގައިޑްލައިންތަކުގެ މައްޗަށް ބިނާކޮށް ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މިންގަނޑުތައް ވަނީ އެކުލަވަލައިފައެވެ.

އޭސީއައިގެ ހެލްތު އެކްރިޑަރޭޝަން ޕްރޮގްރާމަކީ އެއާޕޯޓުތަކުގައި، ކޮވިޑް19 އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ސިއްހީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަކޮށްފައިވޭތޯ ބެލުމުގެ ޕްރޮގްރާމެކެވެ. އެގޮތުން ޑިސްއިންފެކްޓު ކުރުމާއި ސޯޝަލް ޑިސްޓެންސިން ފަސިންޖަރުންނާއި ސްޓާފުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައް މި ޕްރޮގްރާމުގެ ދަށުން އެސެސް ކުރެއެވެ.

މި ކާމިޔާބީ އާއި ގުޅޭގޮތުން އެމްއޭސީއެލްގެ އެމްޑީ ސްޓެވާޓް ވިދާޅުވީ ވީއައިއެގައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް އެޅިފައިވާ ފިޔަވަޅުތަކެއް ކަމަށް ޔަގީންކުރެވިއްޖެ ކަމަށެވެ.

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއާއެކު ވީއައިއޭ އަކީ ރައްކާތެރި އެއާޕޯޓެއްކަން ކަށަވަރު ކުރެވިއްޖެ. މިއީ ފަސިންޖަރުންގެ ކޮންފިޑެންސް އިތުރުވާނެ ކަމެއް. ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ލިބުނު ފުރުސަތެއް،" އެމްޑީ ވިދާޅުވިއެވެ.

އޭނާ ވިދަޅުވީ މިއީ އެއާޕޯޓުގެ މުވައްޒަފުންނާއި ސްޓޭކް ހޯލްޑަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.