01 Sep 2020, 16:53
ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެމަނިކުފާނަށް ފައިސާ ދެއްވާކަން މީގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި ނަމަވެސް އެ ފައިސާ ލިބޭ ގޮތް ސާފު ކޮށްދެއްވުމަށް އެދުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކަން ހާމައެއް ނުކުރެއްވި އެވެ.
ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގަތް ކަމަށާއި އެ ފައިސާ ބަލައި ވަޑައިގަތީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށް ރައީސް ޔާމީން ވަނީ މީގެ ކުރިން ހައިކޯޓުގައި ބޭއްވި އެމަނިކުފާނުގެ އިސްތިއުނާފް އަޑުއެހުމެއްގައި ވިދާޅުވެފަ އެވެ.
އެކަން ފާހަގަކޮށް މިއަދު ކުރިއަށް ދިޔަ ހައި ކޯޓުގެ އަޑުއެހުމުގައި ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ރައީސް ޔާމީން އަރިހުން، އެމަނިކުފާނަށް ފައިސާ ލިބުނު ގޮތް ސާފު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެކަން ސާފު ނުވާހާ ހިނދަކު އެކަމަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އެ ސުވާލަށް އެންމެ ފަރަތަމަ ޖަވާބު ދެއްވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދެވެ. ނަމަވެސް ޖަމީލު ވެސް ރައީސް ޔާމީނަށް ފައިސާ ލިބޭ ގޮތެއް ހާމައެއް ނުކުރައްވައެވެ. ވިދާޅުވީ، ހެޔޮއެދޭ ފަރާތްތަކުން ދެއްވާ ފައިސާ ބޭނުންކުރުމުގައި ގާނޫނާއި ހިލާފް ނުވާ ކަމަށެވެ.
ޑރ. ޖަމީލަށް ފަހު ރައީސް ޔާމީން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސިޔާސީ ގޮތުން އެމަނިކުފާނަށް ލިބޭ ގިނަ ފައިސާއާ ހަވާލު ވަނީ އަހްމަދު އަދީބު ކަމަށާއި އަދި ކުރިން ދެންނެވި ފައިސާ ވެސް ހަވާލުވެފައިވަނީ އަދީބުގެ އިތުރުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށެވެ. ނަމަވެސް ރައީސް ޔަމީނާ ފަނޑިޔާރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި އެމަނިކުފާނަށް ފައިސާ ދެއްވާ ފަރާތްތަކުގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ވެސް ނުވެއެވެ.
މިހާރު ކުރިއަށްދާ މައްސަލައަކީ އެއް މިލިއަން ޑޮލަރުގެ މައްސަލައެއް ކަމަށާއި އެ ފައިސާއަކީ އަދީބު އެމަނިކުފާނަށް ދޭން ޖެހޭ ފައިސާ ތަކުގެ ތެރެއިން ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ ފައިސާ އަހްމަދު އަދީބު ހޯދީ ގާނޫނާއި ހިލާފަށް ކަން އަމަނިކުފާނަށް އިނގިނުލައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ގާނޫނު އަސާސީގެ ހަތަރު ވަނަ ބާބުގައި ރައިސުލްޖުމްހޫރިއްޔާ ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި ވިޔަފާރީއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތްތަކެއްގައި ޝާމިލުވެ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.