01 Sep 2020, 17:02
ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.
އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔަތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއެވެ.
ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު ގާޒީ ދެއްކެވި ވާހަކައިގައި ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެން ހުރެ ހުވަޔާއި ހިލާފުވެއްޖެނަމަ އެކަމުގެ ގެއްލުން އެމީހަކަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަދި ހުރިހާ ފުލުހުންވެސް ހުވަޔާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެލެއްވިއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު 21 ފުލުހުންނެވެ. އެއީ 15 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީ ހަ ފުލުހުންނެވެ.