13 Jan 2012, 16:42
ދ. ގެމެންދޫއިން އެ އަތޮޅު ކުޑަހުވަދުއަށް ހިޖުރަކުރި އަލީ ހަސަން (އައްޔުބެ) އަށް ބޮޑެތި ޒަހަމްތަކެއްކޮށް، މަރާލި މައްސަލާގައި ފުލުހުން ކުޑަހުވަދޫ ގޮނޑުދޮށް ކޮނެގެން ނެގި ކަތިވަޅިއެއް ހޯދުމަށް ފަހު މަރުގެ މައްސަލައިގެ ތުހުމަތަށް 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއެކު އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ހައްޔަރު ކުރި ކުޑަކުއްޖަކީ ކުޑަހުވަދޫ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ އުމުރުން 16 އަހަރު ނުފުރޭ ކުއްޖެކެވެ. އަނެއް މީހާއަކީ ގެމެންދޫއިން ކުޑަހުވަދުއަށް ހިޖުރަކުރި މާޖިދު ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން މިއަދު ހައްޔަރު ކުރި ކުޑަކުއްޖާއަކީ ގޮނޑުދޮށުން ކޮނެގެން ނެގި ކަތިވަޅި އޮތްތަން ފުލުހުންނަށް ކިޔައިދިން ކުއްޖާ އެވެ.
އައްޔުބޭގެ މަރުގެ މައްސަލާގައި މީގެ ކުރިިން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ދ. ގެމެންދޫން ކުޑަހުވަދޫއަށް ހިޖުރަކުރި ހަތަރު މީހުން ކަމަށްވާ ފައުޒާން މުހައްމަދާއި އިބްރާހިމް ވަސީމާއި އަލީ މާހިރު ފާރޫގާއި އަބްދުﷲ އަޒުމީ އަދި އިތުރު މީހެކެވެ.