ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ލުޔެއް ހޯދައިދިނުމަށްޓަކައި ދިރާގުގެ ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

ދިރާގުން ބުނީ އަލަށް ގެނައި ބަދަލާއެކު އިތުރު ހަރަދަކާ ނުލާ 40-100 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި އެންމެ ބާރު ސްޕީޑު ލިބިގެންދާނެ ކަމަށެވެ.

ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް މި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ އެވެ. ޕެކޭޖްތަކަށް ގެނައި ބަދަލުތަކާ ބެހޭ އިތުރު ތަފުސީލު ދިރާގުގެ ބަލައިލެވޭނެ އެވެ.

ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނިން ވަނީ ބިޒް ފައިބާ ބޭސިކް 10އެމް ޕެކޭޖުން މަތީގެ ޕެކޭޖު ގެންގުޅޭ ވިޔަފާރިތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ވާޗުއަލް މީޓިންގ ރޫމްގެ ހިދުމަތް ހިލޭ ދިނުމަށްވެސް ނިންމާފަ އެވެ. މިއީ އޯޑިއޯ އަދި ވީޑިއޯ ކޯލްވެސް ކުރެވޭ "ކްލައުޑް ހޯސްޓެޑް" ހިދުމަތެކެވެ.

ހަމައެއާއެކު ވިޔަފާރިތަކުގެ މަސައްކަތްތެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ދިރާގުން ވަނީ މަކްރޯސޮފްޓް އޮފީސް 365 އެޑް-އޮންސް ވެސް ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފަ އެވެ. އޮފީސް 365ގައި ހިމެނޭ އެންމެ ފަހުގެ އެޕްތަކާއި ކްލައުޑް ހިދުމަތުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ސެކުއިރީޓީގެ ސަބަބުން ވިޔަފާރިތަކަށް މަސައްކަތުގައި އިތުރު ކުރިއެރުމާއި ފަސޭހަ ލިބިގެންދާނެ ކަމަށް ދިރާގުން ދެކެ އެވެ.

ދިރާގުގެ ޑިރެކްޓަރ ބިޒްސަސް ސޮލިއުޝަންސް މުސްތާގް އަހުމަދު ދީދީ ވިދާޅުވީ ބިޒް ފައިބަރ ޕެކޭޖްތަކަށް ގެނައި ބަދަލުގެ އިތުރުން ދިރާގުން ފޯރުކޮށްދޭން ގަސްތުކޮށްފައިވާ އިތުރު ވެލިއު އެޑެޑް ހިދުމަތްތަކުގެ ސަބަބުން ދިރާގުގެ ބިޒްނަސް ކަސްޓަމަރުންގެ ޑިޖިޓަލް ގާބިލުކަމާއި ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދިރާގުން ބިޒްނަސް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތައް ބޮޑު ބަދަލެއް ދިރާގުން ގެެނެސްފައިވާއިރު، ދާދި ފަހުން އެކުންފުނީގެ ހޯމް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށްވެސް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.