01 Sep 2020, 15:51
ހައިކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.
އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު މިއަދު ވަނީ ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމަށް އަޑުއެހުމެއް ބާއްވާފަ އެވެ. އެ އަޑުއެހުން ނިއްވާލައްވަމުން، ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ، އިތުރުކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅުއްވައި ދެއްވައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އެވެ. އަދި އަމިއްލަ ދިފާއުގައި ރައީސް ޔާމީން ވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ހުލާސާ ބަޔާނުގައި ޑރ. ޖަމީލް ފާހަގަކޮށްފައިވަނީ، ގާނޫނީ ގޮތުން އެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތު ނުވާނެ ނުކުތާތަކެވެ.
އެގޮތުން ޑރ. ޖަމީލް ވިދާޅުވީ، މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު ތަހުގީގު މަރުހަލާގައި ވޮޑަމުލާއާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ރައީސް ޔާމީންއާ ކޮށްފައި ނުވާ ކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ މުވައްކިލުގެ މައްޗަށް ކޮށްފައިވަނީ ތަހުގީގު ނުކުރާ މައްސަލައެއްގެ ދައުވާއެއް ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުނުންޏަކީ ގާނޫނާ ހިލާފު ވިޔަފާރިއެއް ކުރާ ކުންފުންޏެއް ކަމަށް އެއްވެސް އިދާރާއަކުން ނިންމާފައި ނުވާ އިރު އެ ކުންފުނިން ރައީސް ޔާމީނަށް ޖަމާކޮށްފައިވާ ފައިސާއަކީ ގާނޫނާ ހިލާފު ފައިސާއެއްކަން ބުނުމުން "ހަމައެއް ނުޖެހޭ" ކަން ޑރ. ޖަމީލް ވަނީ ފާހަގަކުރައްވައިފަ އެވެ.
ހަމައެއާއި އެކު އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވާ އެހެން އެއްވެސް ފަރާތަކަށް މިހާތަނަށް ދައުވާ ކޮށްފައި ނުވާ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ. އެހެން ކަމުން ހަމައެކަނި ރައީސް ޔާމީނަށް ދައުވާ ކޮށްފައިވާތީ ޑރ. ޖަމީލް ވަނީ އެކަމާ ސުވާލު އުފައްދަވާފަ އެވެ.
އެ މައްސަލައިގައި ރައީސް ޔާމީންއާ ދެކޮޅަށް ހެކިބަސް ދީފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު އަކީ އެމަނިކުފާނުގެ އަދުއްވުން ކަމަށާއި އެހެން ކަމުން އެމީހުންގެ ހިތުގައި ރައީސް ޔާމީންއާ މެދު ހަސަދަވެރިކަން އޮންނާނެކަން ވެސް ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.
ދިފާއުގައި ކުރެވެން ހުރި ކަމެއް ކުރާނަން: ޔާމީން
ޑރ. ޖަމީލުގެ ވާހަކަތަކަށް ފަހު ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އޭނާ ކުރި ކަމެއްގެ ސަބަބުން ކޮށްފައިވާ ހުކުމެއް ނޫން ކަން ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އެކަމުން ދިފާއުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ރައީސް ޔާމީން ވެސް ވަނީ އަދީބު އާއި ޒިޔަތުގެ ހެކިބަހާއި މެދު ސުވާލު އުފައްދަވާފަ އެވެ. ވިދާޅުވީ، މީގެ ކުރީގައި އެ ދެ ބޭފުޅުން ވެސް ވޮޑަމުލާ އާއި އެމަނިކުފާނާ ގުޅުވާފައި ނުވާ ކަމަށާއި އެހެން ނަމަވެސް ދައުލަތުން އަހުމަދު އަދީބު އާއި ޒިޔަތުއާ އެކު ހެދި އެއްބަސްވުމަށްފަހު، މިހާރު އެ ދައްކާ ވާހަކަ ގަބޫލު ކުރަން ދަތިފުޅު ކަމަށެވެ. އަދި އެ ދެ ބޭފުޅުން ވެސް މިހާރު ހުރީ ނުފޫޒެއްގެ ދަށުގައި "ފިތިފައި" ކަމަށް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ޕަބްލިކް ޕްރޮސިކުއުޓާ އަހްމަދު ނައުފަލް ވިދާޅުވީ، އެސްއޯއެފް އަކީ ދަންނަ ކުންފުންޏެއް ނޫން ކަން ރައީސް ޔާމީންގެ ފަރާތުން ވިދާޅުވެފައިވާއިރު، ކާކުކަން ނޭނގޭ ފަރާތަކުން ލިބޭ ފައިސާއެއް ބޭނުން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ އެއްމިލިއަން ޑޮލަރަކީ ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓަށްވާ ފައިސާ ކަމާއި އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.