01 Sep 2020, 14:32
މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށް ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް ހާއްސަކޮށް ވެސް މި މަހުން ފެށިގެން ބޭންކުތަކަށް ޑޮލަރު ދޫކުރާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ރުފިޔާގެ އަގު ވެއްޓި ޑޮލަރު ރޭޓް 20 ރުފިޔާއަށް ބާޒާރުގައިއަރާފައިވާ އިރު، އެކަމާ ގުޅިގެން އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް، ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރަން އެމްއެމްއޭއިން ރާވާފައިވާ ކަމަށެވެ.
"މި ގޮތުން އިތުރު ކުރެވޭ ފޮރިން އެކްސްޗޭންޖު އިންޓަވެންޝަން ހާއްސަކުރާނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށެެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.
އެމްއެމްއޭއިން އަދި ބުނީ ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އަދި ދިވެހި ރުފިޔާގެ ލިކުއިޑިޓީގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) ކުރިން ހުރި 10 ޕަސެންޓުން ން 7.5 ޕަސެންޓަށް މިހާރު ދަށްކޮށްފައިވާ ކަމަށެވެ. އަދި އޭޕްރިލް މަހުގެ ތެރޭގައި ވެސް އެ އަދަދު ދަށްކުރި އިރު، ޖުލައި މަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް 7.5 ޕަސެންޓުން 5 ޕަސެންޓަށް އިތުރަށް ދަށްކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ބާޒާރުގެ އަގުތައް އެއް މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އައިސްދާނެ ބަދަލުތައް ކުޑަކޮށް ދިވެހި ރުފިޔާގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އެކްސްޗޭންޖް ރޭޓަށް ކުރާ ޕްރެޝަރު ކުޑަކުރުމަށްޓަކައި ބޭންކިން ނިޒާމުގެ ތެރޭގައި އިތުރަށް ދައުރުވާ ދިވެހި ރުފިޔާގެ އަދަދު މަނިޓަރީ ވަސީލަތްތައް މެދުވެރިކޮށް މެނޭޖްކުރުމާއި، ފޮރިން އެކްސްޗޭން އިންޓަވެންޝަން ސިޔާސަތުގެ ދަށުން ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ބޭރު ފައިސާ ފޯރުކޮށްދިނުން ހިމެނެއެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.
ބޭރު ފައިސާގެ ބާޒާރަށް ޑޮލަރު ވިއްކުމުގައި އެމްއެމްއޭއިން ހަރަދުކުރަން ހުންނާނީ ރާއްޖޭގެ ރަސްމީ ރިޒާވުކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަރަށް ބޮޑަށް މަދުވެފައި ވުމުން، ރާއްޖޭގެ ރަސްމީ ރިޒާވްއަށް އެކަމުން އަސަރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަން ކުޑަކުރުމަށް އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މި ސްވޮޕްގެ މުއްދަތު މިހާރުވަނީ އިތުރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް މިހާރު ހަމަޖެހިފައި ވާތީ އެއީ ވެސް ލިބޭނެ ލުޔެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި އެހެން ބޭރުގެ ފަރާތްތަކުން ބޭރު ފައިސާގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރާ ކަމަށް ވެސް ބުންޏެވެ.
"މިފަދަ އެހީތަކާއި އަދި މީގެ އިތުރުން ސަރުކާރާއި އެމްއެމްއޭއާއި ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅިކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ އެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.