13 Jan 2012, 15:57
މިލިއަނެއްހާ ވަގު ޑޮލަރާއެކު ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.
މިއަދު މެންދުރު ފަހު ކުއްލި ގޮތަކަށް ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ފުލުހުން ވަނީ މި މައްސަލައާ ބެހޭ ނޫސް ކޮންފަރެންސެއް ބާއްވާފަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ވަގު ޑޮލަރުތަކާއެކު ފުލުހުން ހައްޔަރު ކުރި ދެ މީހުންނަކީ ރ. މަޑުއްވަރީ، ބަނބުކޮޔޮގަސްދޮށޫގޭ، އުމަރު އަހުމަދުފުޅު، 34 އާއި ގއ. ކޮލަމާފުށީ، ތަރިވިދާގޭ، އަހުމަދު މުނައްވަރު، 29 ކަމަށެވެ.
ފުލުހުން ބުނީ ދެމީހުންގެ ތެރެއިން ފުރަތަމަ ހައްޔަރުކުރީ އުމަރު ކަމަށައި އޭނާގެ އަތުން 774900 ވަގު ޑޮލަރު ފެނުނު ކަމަށާއި ދެވަނަ އަށް ހައްޔަރުކުރި މުނައްވަރުގެ އަތުން ފެނުނު ވަގު ޑޮލަރުގެ އަދަދު އަދި ހާމަ ކުރެވޭވަރު ނުވާ ކަމަށެވެ. ފޮޓޯ ހާމަކޮށްފައި ނުވާ ދެމީހުންނަކީ ގުޅުމެއް އޮތް ދެމީހުން ކަމެއްވެސް ފުލުހުން ބުނެފައެއް ނުވެއެވެ.
ނަމަވެސް ދެމީހުން އެކަން ކޮށްފައިވާ ގޮތް ވަރަށް ރަނގަޅަށް ފުލުހުންނަށް އެނގޭ ކަމަށް ވެސް ބުންޏެވެ.
ރިޔާޒު ވިދާޅުވީ މި ދެމީހުންގެ ތެރެއިން އުމަރު ހައްޔަރު ކުރީ އިއްޔެ ހަވީރު ވަގު ފައިސާތައް ދަބަހަކަށް އަޅައިގެން ބޭންކެއްގެ ތެރެއަށް ވަންތަނުން ކަމަށާއި މުނައްވަރު ހައްޔަރުކުރީ ހާބަރު ކަޑައެއްގެ ތެރެއިން ރޭގެ ވަގުތެއްގައި ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެ ދެ މީހުން އަތުން ފެނުނު ވަގު ނޫޓުތަކަކީ ވެސް ރާއްޖެއިން ބޭރުން އެތެރެކޮށްފައި ހުރި އެއްޗެއް ކަމަށް ބެލެވޭ ކަމަށާއި އޭގެ މުނައްވަރު ޑޮލަރުތައް އަޅާފައި ހުރި ކަރުދާސް ފޮށިގަނޑުގެ ބޭރުގައި "ވަޅޯ މަސް 13 ކިލޯ" ޖަހާފައިވާ ކަމަށެވެ.
ވަގު ޑޮލަރުތަކާއެކު އުމަރު ވަން ބޭންކާއި މުނައްވަރު ވަދެ އިން ހާބަރުގެ ކަޑައިގެ ނަމެއް ވެސް ފުލުހުން ނުބުންޏެވެ.
ރިޔާޒު ވިދާޅުވީ މުނައްވަރުގެ ޖީބުގައި އޮތް ވޮލެޓުން ވެސް ވަގު ޑޮލަރުތަކެއް ފެނިފައިވާ ކަމަށާއި މި ދެމީހުންގެ އަތުން ފެނިފައިވާ ހުރިހާ ޑޮލަރަކީ ވެސް 100 އިގެ ނޫޓުތައް ކަމަށެވެ.