ބާސެލޯނާގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ފުރަތަމަ ފަރިތަކުރުންތަކުގައި އެކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ ބައިވެރިނުވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ދާދި ފަހުން މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބަށް އަންގާފަ އެވެ. އެކުލަބާ އެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫންއަށް ހަމަވާން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދިފަ އެވެ.

ނަމަވެސް މެސީ ދޫކޮށްލަން އެ ޓީމުން ބޭނުންނުވާ ކަމަށް ދާދި ފަހުން ހަމަޖެއްސި ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ރާމޮން ޕްލޭނެސް ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ. އެކަމަކު ސްޕެނިޝް ލީގުގެ ޕްރޮޓޮކޯލްއާ އެއްގޮތަށް ޕްރެކްޓިސް ފެށުމުގެ އެއް ދުވަސް ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓް ހަދަން ޖެހޭ އިރު، ޕްރެކްޓިހުގެ ކުރިން ބާސެލޯނާގެ ކޮވިޑް-19 ޓެސްޓްތަކުގައި މެސީ ބައިވެރިނުވާ ކަމަށް ސްޕެއިނުގެ ގިނަ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އަދި އެއާ އެކު ކޫމަންގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރި ނުވާކަން ވެސް ވަނީ ހާމަވެފަ އެވެ.

މި ފަހަރުގެ ސީޒަން ދިގުލައިދިޔައީ ހާއްސަ ހާލަތެއްގެ ދަށުން ކޮވިޑް-19އާ ހެދި ސީޒަން މެދުކަނޑާލަން ޖެހުމުން ކަމަށްވާއިރު، އޭނާ އޮގަސްޓް މަހު ތެރޭގައި ކްލަބް ދޫކޮށްލަން ހުށަހެޅިޔަސް ސީޒަން ނިމުމާ ދޭތެރޭ ކޮންޓްރެކްޓްގައި ބުނެފައިވާ މުއްދަތުގައި ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ހުށަހެޅޭނެ ކަމަށް މެސީ ދެކެ އެވެ.

އެކަމަކު އެއާ ޙިލާފަށް މެސީގެ ކޮންޓްރެކްޓްގައި އޭނާ ކްލަބް ބަދަލުކުރެވޭނެ ގޮތް ސާފުކޮށް ލިޔެފައިވާ ކަމަށާއި އެއަށް އަށް ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ސްޕެނިޝް ލީގުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން، މެސީއަށް ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ބާސެލޯނާ ދޫކޮށްލަން ބޭނުންވާނަމަ 700 ޔޫރޯ އެއްފަހަރާ ބާސެލޯނާއަށް ދައްކަން ޖެހޭނެ އެވެ. ނަމަވެސް އެހާ ބޮޑު އަދަދެއް އެއްފަހަރާ ދެއްކޭނެ މާލީ ތަނަވަސްކަމެއް މިހާރު ޔޫރޮޕުގެ އެއްވެސް ކުލަބެއްގައި ނެތް ކަމަށް ރިޕޯޓްތަކުން ބުނަމުންދާއިރު މެސީގެ ރިލީޒް ކްލޯސް އެއަށް ވުރެން ކުޑަ ކުރުމަށް ކުލަބު ގާތުން މެސީ ވަނީ އެދިފަ އެވެ.

ކޮންމެ ގޮތެއް ވިޔަސް، މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން މެސީ ބަދަލުވުން އެންމެ ގާތީ ޕެޕް ގާޑިއޯލާ އިރުޝާދު ދެމުން އަންނަ މެންޗެސްޓާ ސިޓީއަށެވެ. އަދި ޕީއެސްޖީއާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާނުންވެސް މެސީއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.