01 Sep 2020, 10:32
އެމްޓީވީއިން ބާއްވާ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭސް)ގެ މިއަހަރުގެ ހަފްލާގައި މަޝްހޫރު އާޓިސްޓް ލޭޑީ ގާގާއާއި ކޭޕޮޕް ގްރޫޕް ބީޓީއެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކެންސަލުކޮށްފައި ވާނަމަވެސް އެމްޓީވީގެ ވީއެމްއޭސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހޮލީވުޑްގެ ބޮޑެތި ނަންތަކާއެކު ކުރިއަށް ގެންދިޔަ އެ އިވެންޓު މިފަހަރު ބާއްވާފައިވަނީ އައުޓްޑޯ ސްޓޭޖުގައެވެ.
އިއްޔެ ކުރިއަށް ދިޔަ ވީއެމްއޭގެ އެންމެ ގިނަ ނޯމިނޭޝަންތަކުގައި ހިމެނިފައިވަނީ އާރިއާނާ ގްރާންޑޭއާއި ލޭޑީ ގާގާއެވެ. އެގޮތުން ގާގާ ވަނީ ރޭގެ ހަފްލާގައި އެކި ފަހަރުގެ މަތީން ސްޓޭޖަށް އަރާފައެވެ.
އާރިއާނާއާއި ގާގާގެ ކޮލެބޮރޭޝަން "ރެއިން އޮން މީ"އަށް އެންމެ ފުރަތަމަ އެވޯޑު ލިބުން އިރު ގާގާއަށް އިތުރު ދެ އެވޯޑު ލިބިފައިވެއެވެ. އެގޮތުން އަހަރުގެ ލަވައިގެ އެވޯޑާއި އަހަރުގެ އާޓިސްޓުގެ އެވޯޑުވެސް ލިބިފައިވަނީ ގާގާއަށެވެ.

އިވެންޓުގައި ބީޓީއެސް ބައިވެރިވެފައިވަނީ ވާޗުއަލްކޮށް --- ފޮޓޯ : އެމްޓީވީ
ބީޓީއެސް ވަނީ އިއްޔެގެ އިވެންޓުގައި ހަތަރު އެވޯޑެއް ހޯދާފައެވެ. އެގޮތުން އެ ގްރޫޕުގެ ސިންގަލް ކަމަށްވާ "އޮން"އަށް ވަނީ ބެސްޓް ޕޮޕް އެވޯޑް ލިބިފައެވެ. އެންމެ މޮޅު ކޭޕޮޕް އެވޯޑް ވެސް ލިބިފައިވަނީ ބީޓީއެސްގެ "އޮން" އަށެވެ. އެންމެ މޮޅު ގްރޫޕުގެ އެވޯޑު ބީޓީއެސްއަށް ލިބުނު އިރު "އޮން" އަށް ވަނީ އެންމެ މޮޅު ކޮރިއޯގްރަފީގެ އެވޯޑުވެސް ލިބިފައެވެ.
އެ އެވޯޑު ހަފްލާގައި އެންމެ މޮޅު އޯލްޓަނޭޓިވް ސިންގަލްގެ އެވޯޑު ވަނީ މެޝީން ގަން ކެލީއަށް ލިބިފައެވެ. އަހަރުގެ އެންމެ މޮޅު އާޓިސްޓުގެ އެވޯޑު ލިބިފައިވަނީ ޑޯޖާ ކެޓް އަށެވެ.
އަހަރުގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ވީޑިއޯ އޮފް ދަ އިޔާ" ލިބިފައިވަނީ ލަވަކިޔުންތެރިޔާ "ދަ ވީކެންޑް"ގެ "ބްލައިންޑިން ލައިޓްސް" އަށެވެ.