13 Jan 2012, 15:14
ހިމޭން މުޒާހަރާ "ސައިލެންޓް ޕްރޮޓެސްޓް"ގެ ނަމުގައި ދީނީ މިނިވަންކަމަށް ގޮވާލައި ގ. ޕާކަރުގޭ އިސްމާއީލް ހިލްއަތު ރަޝީދު އިސްކޮށް ހުރެ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު މާލޭ އާޓިފިޝަލް ބީޗްގައި ހިންގި ހަރަކާތާ ދެކޮޅަށް އެ ދުވަހު ބަޔަކު ހިންގި ހަމަނުޖެހުންތަކުގެ މައްސަލަ ތަހުގީގުކުރަން ސަރުކާރުން ގޮވާލައިފި އެވެ.
މިދިޔަ ބުދަ ދުވަހު ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނަނީ ރާއްޖޭގައި ގާނޫނާއި ގަވާއިދު ދެމެހެއްޓުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރާ ކަމަށާއި ރާއްޖޭގައި އެއްވެސް ބަޔަކު ހަމަނުޖެހުމެއް ހިންގައިފި ނަމަ އެބަޔަކު ޖަވާބުދާރީ ކުރުވެން ވާނެ ކަމަށެވެ.
"... އެހެންވީމާ ޑިސެމްބަރު 10ގެ އިވެންޓާ ގުޅިގެން ހިންގި ކަމަށް ތުހުމަތުކޮށްފައިވާ ހަމަނުޖެހުންތައް ތަހުގީގުކުރުމަށް، މޯލްޑިވްސް ޕޮލިސްސާވިސް އާއި ހިއުމަންރައިޓްސް ކޮމިޝަން ހިމެނޭ ގޮތުން ކަމާ ބެހޭ އެންމެހާ ގައުމީ މުއައްސަސާ ތަކަށް އަހަރެމެން ގޮވާލަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ހިލްއަތު ހައްޔަރުކުރުމާ ގުޅިގެން އޭނާއަކީ ޒަމީރުގެ ގައިދީއެއް ކަމަށް ބުނެ، އޭނާ ދޫކޮށްލުމަށް ގޮވާލައި އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނަށް ޖަވާބުދާރީ ވުމުގެ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ ހިލްއަތަށް އެ ދުވަހު ބަޔަކު ނުރައްކާތެރި ހަމަލާއެއް ދިން ދިނުން ސަރުކާރުން "ކަންބޮޑުވުމާ އެކު" ފާހަގަކުރާ ކަމަށެވެ. އަދި އަދި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކުރި ކަމުގެ ތުހުމަތަށް ހިލްއަތު ހައްޔަރު ކުރުމަށްފަހު އެ މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލުމަކާ ނުލައި މި މަހުގެ ހަ ވަނަ ދުވަހު އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ބަޔާން ބުނަނީ ހިލްއަތު ހައްޔަރުކޮށްފައި ހުރި އިރު އޭނާއާމެދު އިހާނެތިކޮށް ހިތާފައިވާ ކަމަށް މީޑިޔާގައި އޭނާ ބުނެފައިވާ ބުނުން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށާއި ލާއިންސާނީ އަނިޔާއާ ދެކޮޅު މުއާހަދާ (ކޮންވެންޝަން އެގެއިންސްޓް ޓޯޗާ) އާއި އެ މުއާހަދާގެ ދަށުން އެކުލަވާލާފައިވާ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވާ ގައުމެއްގެ ހައިސިއްޔަތުން އެފަދަ ކަންތައްތައް ތަހުގީގުކުރާނެ ނިޒާމެއް ރާއްޖޭގައި ގާއިމްކޮށްފައިވާ ކަމަށެވެ.
ހިލްއަތަށް ދިން ހަމަލާ "ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް" (އެންޕީއެމް) އިން ވަރަށް އަވަހަށް ބަލައި، އޭގެ ހޯދުންތައް އާއްމުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފޮރިން މިނިސްޓްރީއަށް އެބަ އޮތް ކަމަށް ވެސް ބަޔާން ބުނެ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ އެމްނެސްޓީ އިންޓަނޭޝަނަލާ ދިވެހި ސަރުކާރާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށާއި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ކަންތައްތަކުގައި އެޖަމާއަތުން ބައިވެރިވާ ބައިވެރިވުމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
މިމަހުގެ 11 ވަނަ ދުވަހު ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވާ އިރު ޑިސެމްބަރު 22 ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި އޮތް ޕްރެސް ކޮންފަރެންސެއްގައި، ހިލްއަތު ދޫކޮށްލުމަށް ގޮވާލައި އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެފައި ވަނީ އެމްނެސްޓީ އިންޓަނޭޝަނަލްގެ ބަޔާނަކީ "ބައިނަލް އަގުވާމީ ޕްރެޝަރެއް ކަމަށް ސަރުކާރުން ބަލައި ނުގަންނަ ކަމަށާއި އެއީ މާބޮޑު އިޝޫއެއް ކަމަށް ދެކެވަޑައި ނުގަންނަވާ" ކަމަށެވެ.