ޖޫބާ (ސެޕްޓެމްބަރު 01) : ހަމަނުޖެހުންބޮޑު ސޫދާނުގެ ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ ދާރުފޫރުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކާއި ސޫދާނުގެ ސަރުކާރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސޫދާނުގެ އަވަށްޓެރި ގައުމެއް ކަމަށްވާ ދެކުނު ސޫދާނުގެ ވެރިރަށް ޖޫބާގައި ސޮއިކުރި މި އެއްބަސްވުމަކީ އިބްތިދާއީ (އނިޝަލް) އެއްބަސްވުމެކެވެ. މި އިބްތިދާއީ އެއްބަސްވުމުގައި ސޫދާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސޫދާނުގައި ވަގުތީ ގޮތުން ވެރިކަންކުރާ އަސްކަރީ އިންތިގާލީ މަޖިލީހުގެ ނައިބު ރައީސް ލެފްޓިނެންޓް ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ އެވެ. ދާރުފޫރުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމާއަތްތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސްގެ ނައިބު ރައީސް މުހައްމަދު ދާވޫދު އެވެ.

މިއީ އިބްތިދާއީ އެއްބަސްވުމެއް ކަމަށްވާއިރު މީގެ އަސްލު އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ބޮޑު ރަސްމިއްޔާތެއްގައި ތަންކޮޅެއް ފަހުން އެހެން ގައުމެއްގަ އެވެ. އަސްލު އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ސޫދާނުގެ އަސްކަރީ މަޖިލީހުގެ ރައީސާއި ދާރުފޫރުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ އެލަޔަންސްގެ ރައީސެވެ.

އިބްތިދާއީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ދެކުނު ސޫދާނުގެ ވެރިރަށް ޖޫބާގައި ބޭއްވީ ދާރުފޫރުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުންނާއި އެސަރަހައްދަށް ސުލްހަ ގެނައުމާ ބެހޭ ގޮތުން ސޫދާން ސަރުކާރާއި ދާރުފޫރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރީ ދެކުނު ސޫދާނުގެ ރައީސް ސަލްވާ ކީރު ކަމަށްވާތީ އެވެ.

މި އެއްބަސްވުން ބިނާވެފައި ވަނީ 1990ގެ އަހަރުތަކުން ފެށިގެން ދާރުފޫރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ސޫދާން ސަރުކާރާ ދެމެދު ހިނގަމުންދާ ލޭ އޮހޮރުވުންބޮޑު ހަނގުރާމަ ނިމުމަކަށް ގެނަސް އެސަރަހައްދުގައި ސުލްޙަ ގާއިމް ކުރުމުގެ މައްޗަށެވެ.

ސޫދާނުގެ ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ ދާރުފޫރަކީ އަރަބި ނޫން އެފްރިކާގެ މުސްލިމް ދަރިކޮޅުގެ މީހުންގެ އާބާދީ އެއް އޮންނަ ފަގީރު ހަނަފަސް ސަރަހައްދެކެވެ. ސޫދާނުގެ އެހެން ސަރަހައްދުގެ އާބާދީގެ ބޮޑުބަޔަކީ އަރަބިންނެވެ. ނަމަވެސް ދާރުފޫރުގެ އާބާދީގައި މުސްލިމުން ގިނަ ނަމަވެސް އެއީ ނަސްލީ ގޮތުން އެފްރިކާ ދަރިކޮޅުގެ މީހުންނެވެ.

ދާރުފޫރު ސަރަހައްދުގައި ވަކިވެގަތުމާއި ބަޣާވާތުގެ ހަރަކާތްތައް ފެށިގެން ދިޔައީ ސޫދާނުގައި ވެރިކަންކުރި ހުރިހާ ސަރުކާރުތަކުން ޒަމާނުއްސުރެ އެސަރަހައްދާ އަޅާނުލައި އިހުމާލުކޮށް އެސަރަހައްދުގެ ރައްޔިތުންނާ މެދު ތަފާތުކުރުން ގެންގުޅުމާ އަދި އެސަހައްދުގެ ތަރައްގީއާއި ކުރިއެރުމަށް ކުރާ މަސައްކަތުގައި އިހުމާލު ވުންފަދަ މައްސަލަތަކާ ގުޅިގެންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ސޫދާން ސަރުކާރުގެ ވެރިންނާއި ދާރުފޫރުގެ ޖަމާއަތްތަކުގެ ވެރިންވަނީ އެރަސްމިއްޔާތުގައި ވާހަކަ ދައްކަވައި މިއީ ސުލްހައަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް ސިފަކުރައްވައިފ ދާރުފޫރުގެ ހަނގުރާމައިގާ އެތަށް ލައްކަ ބަޔަކު މަރުވެފައިވާއިރު އޭގެތެރޭގައި ގިނައީ އާންމުންނެވެ. (ނޫސްއެޖެންސީތައް)