ކޮވިޑް-19 އަށް ފަރުވާ ދިނުމަށްޓަކައި ހާއްސަކޮށްފައިވާ އައިޖީއެމްއެޗުގެ ޑީއެޗް-11 ގައި ފަރުވާ ދެމުންދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ މަރުވެފައިވަނީ ރޭގެ 1:42 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެމީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 29 އަށް އަރާފަ އެވެ.

ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިން ފަހުން ރާއްޖެއިން އަންނަނީ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ފެންނަމުންނެވެ. އެގޮތުން ގިނަ ދުވަސްތަކުގައި 100 އިން މަތިން ޕޮޒިޓިވް ކޭސްތައް ފެންނައިރު ރޭގައިވެސް ވަނީ 137 ޕޮޒިޓިވް ކޭސް ފެނިފަ އެވެ.

ފަހުން ފެންނަ ކޭސްތަކުގެ ތެރޭގައި ދިވެހިން ގިނައިން ހިމެނޭއިރު ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލުތަކުގައި ބައިތިއްބައިގެން ވެސް ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުތަކުގައި މިވަގުތު 172 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 8،000އާ ގާތްކުރާއިރު އެ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 5،155 އެވެ.