މޮސްކޯ/ބީބީސީ (ސެޕްޓެމްބަރު 1): ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަށް ޒަހަރު ދީފައިވާ ކަމަށް ތުހުމަތު ކުރެވިފައިވަނިކޮށް، އެ ގައުމުގެ ސަރުކާރާ އިދިކޮޅު، މަޝްހޫރު ބްލޮގަރެއް ކަމަށްވާ އިގޯ ޒުކޮވްއަށް މޮސްކޯގައި ބަޔަކު ހަމަލާ ދިން މައްސަލަ އެގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ބާވީސް އަހަރުގެ ޒުކޮވްގެ ޓީމުން ބުނި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު އޭނާއަށް ބަޔަކު ހަމަލާ ދިނީ އޭނާގެ ގެ ކައިރިންނެވެ. އަދި އެ ޓީމުން ވަނީ ޒުކޮވްގެ މޫނަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯއެއް ޓެލެގްރާމް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.

ރަޝިއާގެ އިންޓަފެކްސް ނޫހުގައިވާ ގޮތުން ޒުކޮވް ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ބުނި ގޮތުގައި އެ ހަމަލާ ދިނީ ދެ މީހެކެވެ. އަދި އެ ހަމަލާއަށް ފަހު އޭނާ އަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވިދާޅުވި ގޮތުގައި ފުލުހުން ދަނީ ޒުކޮވްއަށް ދިން ހަމަލާ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލާގައި ކުށްވެރިވާ މީހުން ހޯދައި، ހައްގު އަދަބު ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ރަޝިއާގެ މަޝްހޫރު އިދިކޮޅު ބްލޮގަރު އިގޯ ޒުކޮވް -- ފޮޓޯ: ރޮއިޓާސް

ރަޝިއާގެ ލޯކަލް އިންތިހާބުތަކުގައި މިނިވަން އަދި އިދިކޮޅު ކެންޑިޑޭޓުންނަށް ވާދަ ކުރުމުގެ ފުރުސަތު ގެއްލުމުން މިދިޔަ އަހަރުގެ އޮގަސްޓު މަހު އެގައުމުގައި ބޭއްވި މުޒާހަރާތަކެއްގައި ޒުކޮވް ބައިވެރިވުމުން އޭނާ ހައްޔަރު ކުރި އެވެ. އަދި އޭނާގެ މައްޗަށް ހަރުކަށި ފިކުރު ފެތުރުމުގެ ދައުވާކޮށް، ގޭ ބަންދަށް ދޫކޮށްލި އެވެ. އޭގެ ފަހުން މިދިޔަ ޑިސެމްބަރު މަހު އޭނާގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ޒުކޮވްއަށް އެ ހަމަލާ ދީފައި ވަނީ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ހާލުކޮޅު ދެރަވެ، ޖަރުމަނުގެ ހޮސްޕިޓަލެއްގައި އޭނާއަށް ފަރުވާ ދެމުން ދަނިކޮށެވެ.

މިދިޔަ މަހުގެ 20ގައި ރަޝިއާގެ ސައިބީރިއާ އިން މޮސްކޯއަށް ދަތުރު ކުރި މަތިންދާބޯޓެއްގައި ހުންނަވަނިކޮށް ހޭނެތުނު ފަހުން ނަވަލްނީ އޮންނެވީ ކޯމާއެއްގަ އެވެ. އަދި އޭނާއަށް ތާއިދު ކުރާ ފަރާތްތަކާއި ޖަރުމަނުގެ ޑޮކްޓަރުން ވަނީ އޭނާއަށް ޒަހަރު ދީފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.