ސާބިތު ނުހިފޭ ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކޮށް، ރައީސުލްޖުމްހޫރިއްޔާ އަމުރަށް ގައުމީ ޕާޓީގެ ނާއިބު ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ފުލުސް އޮފީހަށް ހާޒިރު ކުރިތާ 24 ގަޑި އިރު ނުވަނީސް އޭނާ ދެ ވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކޮށް، ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެ، ޖަމީލު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަަމަށް ޑރ. ޖަމީލު ދެންމެ ވިދާޅުވެއްޖެ އެވެ.

ޖަމީލު ވިދާޅުވީ މިއަދުގެ ހުކުރު ނަމާދަށް ބަންގި ގޮވި ވަގުތު، ޖަމީލު ދިރިއުޅުއްވާ ހ. ޝޭޑީޕާމަށް ފުލުހުން އައިސް އޭނާ ހައްޔަރުގައި ބަހައްޓައިގެން ތަހުގީގު ކުރަން ބޭނުންވާ ކަމަށް ފުލުހުން އެންގި ކަމަށެވެ. ނަމަވެސް މަޝްހޫރު ގާނޫނީ ވަކީލު ވިދާޅުވީ އެއީ ފުލުހުންނަށް ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި މީހަކު ހައްޔަރުގައި ބަހައްޓައިގެން ތަހުގީގު ކުރަން ޖެހޭ ވަކި ކަންތައްތަކެއް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ކަމާ އެކު ކޯޓް އަމުރެއްގެ ދަށުން ނޫނީ އެ ގޮތަށް ހައްޔަރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޑރ. ޖަމީލު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރާ ކަމަކަށް ފުލުހުން އެއްބަހެއް ނުވެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދަން ފުލުހުން މަސައްކަތް ކުރާ ކަމަށެވެ.

ތަހުގީގަށް ފުރިހަމައަށް އެއްބާރު ލެއްވުން ދެއްވުމަށް ފަހު، އޭނާ ދޫކޮށްލިތާ 24 ގަޑި އިރު ނުވަނީސް ފުލުހުން ޖަމީލު ހައްޔަރުކޮށްގެން ތަހުގީ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް މި އެންގީ، ރޭ ފުލުސް އޮފީހުން ނުކުންނަވައި، ސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންކަމުގެ ސަބަބުން ރައީސް ނަޝީދު ދިގު މުއްތަކަށް ޖަލަށް ލެވޭނެ ކަމުގެ ޔަގީންކަން މިހާރު ކަށަވަރުވެއްޖެ ކަމަށް ޖަމީލު ވިދާޅުވިތާ 16 ވަރަކަށް ގަޑި އިރުގެ ތެރޭގަ އެވެ.

"އަޅުގަނޑުމެނަށް ﷲގެ އިރާދާފުޅާއެކީގައި ޔަގީން ކަށަވަރުކަން އެބަލިބޭ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާ ﷲގެ އިރާދާފުޅާއެކީގައި ދިގު މުއްދަތަކަށް އަޅުގަނޑުމެން ޖަލަށް ލާނެކަނެ." ޖަމީލް ވިދާޅުވި އެވެ.

ހިޔާލު ފާޅުކޮށްގެން ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، އަދި އެ ހުކުމްގެ ބޮޑު ބައެއް ތަންފީޒު ކުރި، ކުރީގެ އިންޓަނެޓް މަޖައްލާގެ ލިއުންތެރިއާ ސަންދާނު އަހައްމައިދީ ރޭ ވަނީ ހިޔާލުފާޅުކޮށްގެން ދެ ވަނަ ފަހަރަށް ޖަލަށްލައިފަ އެވެ.

މީގެ ދެެރެެއް ކުރީގައި ވީ ޓީވީން ފޮނުވި ޕްރޮގްރާމެއްގައި އަހައްމައިދީ ވިދާޅުވީ ހިޔާލުފާޅުކޮށްގެން ހައްޔަރުކޮށްފާނެތީ ކަންބޮޑު ނުވާ ކަމަށާއި އޭނާ އަކީ "ޖަލު ދެކެ ބިރުު ގަންނަ މީހެއް ނޫން"ކަމަށެވެ. އަދި ޖަލުގައި ވެސް އުޅުއްވާނީ އުފަލުން ކަމަށާއި ޖަލުގައި ހުރެގެން ވެސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ.