އާންމުންނަށް ހިދުމަތްދޭ ބައެއް ތަންތަން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކަށް ނުފެތޭތީ އެތަންތަން ބަންދުކޮށް ތަތްކުރާ ނޯޓިސް ވީދާލާއި، އަލުން ހިދުމަތްދޭކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރޭތޯ ބެލުމަށް މާލޭ ސަރަހައްދުގައި އަންނަނީ އިންސްޕެކްޝަންތައް ކުރިއަށް ގެންދަމުންނެވެ.

އުސޫލާ ހިލާފަށް ހިދުމަތް ދޭކަން އެނގިއްޖެނަމަ ފުރަތަމަ ފަހަރު އެ ތަނެއް 48 ގަޑިއިރަށް ބަންދު ކުރާނެ އެވެ. ދެވަނަ ފަހަރަށް އެފަަދަ ކަމެއް ހިނގައިފި ނަމަ އެތަން ބަންދުކުރުމަށްފަހު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އެތަނެއް ބަންދު ކުރާނީ ތިން ދުވަހުގެ މުއްދަތަށެވެ.

ތަކުރާރުކޮށް އުސޫލާ ހިލާފަށް ހިދުމަތް ދޭކަން އެނގިއްޖެނަމަ އެތަން ފަސް ދުވަހަށް ބަންދުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މިރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އިންސްޕެކްޓް ކުރަންދާ ޓީމުން، ގައިޑްލައިން އާ ހިލާފު ކަމަށް ފާހަގަ ކުރެވިގެން ނޯޓިސް ހަރުކުރާ ބައެއް ތަންތަނުން، ކަންކަން އިސްލާހު ނުކޮށް، ހިދުމަތް ދެމުން އަންނަ ކަމަށެވެ.

ސަމީރު ވިދާޅުވީ އެގޮތަށް އަމަލުކުރާނަމަ، ފުރަތަމަ ފިޔަވަޅު އެޅުމަށްފަހު، ސީދާ ތިންވަނަ ފިޔަވަޅު އެޅުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

އެއީ ފަސް ދުވަހަށް ބަންދުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ އިލްތިމާސް އަކީ މިފަދަ ކަންކަން ނުކުރެއްވުން. ހިދުމަތް ދޭ ނަމަ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުރުން މުހިންމު،" ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ބައެއް ހޮޓާ، ރެސްޓޯރަންޓުތަކުން ވެސް 21:20 ވާއިރު އެތަންތަން ބަންދުނުކޮށް، ފުލުހެއްގެ އިޝާރާތް ވަންދެން މަޑުކޮށްގެން ތިބޭކަން ފާހަގަވާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

"އެހެންވީމަ އެދުމަކީ ކަނޑައެޅިފައި އިންނަ ގަޑިއަށް ހުރިހާ ފަރާތްތަކުން ވެސް ކަންކަން އިންތިޒާމް ކުރުން. އެނޫން ކަމަށް ވާނަމަ އެކަމަކަށް އެޓެންޑުކޮށް، ތަކުރާރުވާ ފަރާތްތައް ޖޫރިމަނާކުރަމުން ދާނީ. އެހެން ނަމަވެސް އަޅުގަނޑުމެން އެންމެ އެދޭ ގޮތެއް ނޫން ޖޫރިމަނާ ކުރުމަކީ. ތިޔަ ފަރާތްތަކުން އެގޮތަށް އަމަލުތައް ބަހައްޓާނަމަ އަޅުގަނޑުމެން ކޮންމެ ދުވަހަކު އެޓެންޑުކުރަން ވެސް ނުޖެހޭނެ،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އާންމު ރައްޔިތުންނާއި، ވިޔަފާރިތަކުން ކިޔަމަންތެރިކަން އަދާކުރުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މީގެ އިތުރުން ޓެކްސީތަކަށް ދޫކޮށްފައިވާ ފާސްވެސް ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ ޒަރޫރީ ކަންކަމަށް އެޓެންޑުކުރުމަށްޓަކައި 12 ޓެކްސީ ސެންޓަރަކަށް، ކޮންމެ 15 ފާހުގެ މަގުން ފާސް ދޫކޮށްފައިވާ ކަމަށެވެ.

"ބައެއް ޓެކްސީތަކުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ އެއް ފާހެއް ދެ ޓެކްސީއަކުން ބޭނުންކުރާކަން،" އޭނާ ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އެކަން ރަނގަޅު ކުރުމަށް ޓެކްސީ ސެންޓަރުތަކާ އެކު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގައިޑްލައިންތަކަށް އަމަލުނުކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަން ވެސް ސަމީރު ފާހަގަ ކުރެއްވިއެވެ.