31 Aug 2020, 23:47
މިހާތަނަށް އެންމެ ގިނަ ބަޔަކަށް ނަސޭހަތްދީ، އަދި ޖޫރިމަނާވެސް ކޮށްފައި ވަނީ ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން ކަމަށް ފުލުހުން ބުނެފިއެވެ.
ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާސްކް ނާޅައި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. މާސްކު ނާޅައި އުޅޭނަމަ ފުރަތަމަ ފަހަރު ނަސޭހަތްދީ، އެކަން ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.
މީގެ އިތުރުން ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރުގައި އުޅުން މަނާކޮށް މިވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްދީ، ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.
ހަމައެއާއެކު ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. މި އެންގުމާ ހިލާފުވާ މީހުންވެސް އެއް އުސޫލެއްގެ ދަށުން ފިޔަވަޅު އަޅާނެ އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު -- ފޮޓޯ/ އެޗްއީއޯސ
މިރޭ އެޗްއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މިހާތަނަށް ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 1،095 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 274 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މާސްކް ނާޅައިގެން 2،901 ފަރާތަކަށް ނަސޭހަތް ސީ، 1،188 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ހަމައެއާއެކު މަނާ ވަގުތުގައި ބޭރުގައި އުޅެގެން 3،813 މީހަކަށް ނަސޭހަތް 1،580 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އެ އަދަދުތައް އިތުރުވުމަކީ ފުލުހުން ބޭނުންވާ ގޮތް ނޫންކަމަށާއި، އަދަދުތައް ތިރިކުރުމަށް އާންމު ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވާ ކަމަށެވެ.