31 Aug 2020, 23:21
މެންޗެސްޓާ ސިޓީއަށް ދޫކޮށް ރެއާލް ސޮސިއެޑާޑަށް ދާދި ފަހުން ބަދަލުވި ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެކުލަބުން ހާމަކޮށްފި އެވެ.
ސިޓީގައި ކާމިޔާބު 10 އަހަރު ހޭދަކޮށް އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އުމުރުން 34 އަަހަރުގެ ސިލްވާ ސިޓީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވުމާ އެކު އޭނާ އެ ކްލަބް ދޫކޮށްލާނެކަން އޮތީ މާ ކުރިން އިއުލާނުކޮށްފަ އެވެ. ސިލްވާގެ ސޮއި ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅުނީ ލާޒިއޯ އެވެ.
ނަމަވެސް މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ހަ ވަނައިގައި ނިންމި ސޮސިއެޑާޑް އަށް ބަދަލުވާން ސިލްވާ ނިންމީ ކެރރިއަރުގެ ފަހު ކޮޅުގައި އުފަން ގައުމުގައި އާއިލާއާ އެކުގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތަށް އެ ފަދަ ފުރުސަތުތަކެއް އޭނާ އަށް ދޭ ކްލަބަކާ ގުޅުމުގެ ގޮތުންނެވެ. އެކަމަކު އޭނާ އެކުލަބަށް ގުޅުނުތާ މާގިނަ ދުވަސްތަކެއް ނުވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެކުލަބުން ވަނީ ހާމަކޮށްފަ އެވެ.
"ކުޅުންތެރިޔާގެ ގައިން ބަލި ހުރިކަމުގެ އަލާމާތެއް ނުފެނޭ. އަދި ޕޮޒިޓިވްކަން އެނގުމާ އެކު މިހާރު 14 ދުވަހަށް އައިސޮލޭޓްވާން ކުޅުންތެރިޔާއަށް ވަނީ އެންގިފައި." ސޮސިއެޑާޑްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ވެލެންސިއާއިން 2010 ވަނަ އަހަރު ސިޓީއަށް ބަދަލުވި މިޑްފިލްޑަރު ސިޓީ ދޫކޮށް ސޮސިއެޑާޑަށް ބަދަލުވިއިރު، އޭނާ ވަނީ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ސިޓީއަށް ކުޅެދިން 436 މެޗުގައި 77 ލަނޑު ކާމިޔާބުކޮށްފައިވާ ސިލްވާ ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދުމުގެ އިތުރަށް އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.
މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ހަ ވަނައިގައި ނިންމި ސޮސިއެޑާޑް އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުގައި ކުޅޭނެ އެވެ. ސޮސިއެޑާޑަކީ ސްޕެއިނުގައި ސިލްވާ ކުޅޭނެ ތިން ވަނަ ޓީމެވެ. ސްޕެއިނުގެ ވެލެންސިއާ ދޫކޮށް ސިޓީ އަށް 2010 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ސިލްވާ ވަނީ ސްޕެއިނުގެ ދެ ކްލަބަކަށް ކުޅެފަ އެވެ. އެއީ ވެލެންސިއާގައި ހުރެ ލޯން އެއްބަސްވުމުގެ ދަށުން އެއިބާ އާއި ސެލްޓަ ވިގޯ އަށް ކުޅުނު ދެ އަހަރެެވެ.