މިއަދުގެ 18:00 އާ ހަމައަށް ރާއްޖޭގެ މީހުން ދިރިއުޅޭ 31 ރަށާއި 15 ރިސޯޓެއްގައޮ ކޮވިޑް19 ގެ އެކްޓިވް ކޭސްތައް ހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އަތޮޅު ތެރޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވް 53 މީހަކު އެބަތިއްބެވެ.

އޭގެ ތެރޭގައި ދެ މީހަކު ފިޔަވައި ދެން ތިބީ މުޅިން ވެސް ފުރަބަންދުގައި ތިއްބާ ޕޮޒިޓިވްވި މީހުންނެވެ. ދެން ހިމެނެނީ ފުރަބަންދުގައި ހުއްޓާ ޕޮޒިޓިވް މީހަކާ ކޮންޓެކްޓުވި މީހަކާއި ސާވައިލެންސްގެ ތެރެއިން ޕޮޒިޓިވްވި މީހެކެވެ.

އޭގެ ތެރޭގައި ހިމެނެނީ 47 ދިވެހީންނާއި ހަ ބިދޭސީންނެވެ.

ފުރަބަންދުގައި ތިއްބާ ޕޮޒިޓިވްވި ގިނަ މީހުން ތިބީ ހޯމް އައިސޮލޭޝަންގައެވެ. ނަމަވެސް ރ. ދުވާފަރުން ޕޮޒިޓިވްވި 81 އަހަރުގެ މީހަކަށް ފަރުވާދެމުން އަންނަނީ ބ. އަތޮޅު ކޮވިޑް ފެސިލިޓީގައެވެ.

ކ. ހިންމަފުށިން ޕޮޒިޓިވްވި ދެ މީހަކު އެރިޔަދޫ ފެސިލިޓީގައި ތިބި އިރު، ތިނަދޫއިން ޕޮޒިޓިވްވި މީހާ ވަނީ ހުޅުމާލެ ފެސިލިޓީއަށް ގެނެސްފައެވެ.

މިވަގުތު މާލެ ސިޓީ ފިޔަވައި މޮނިޓަރިންގެ ހާލަތުގައި އޮތީވެސް ގދ. ތިނަދޫ އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން މިވަގުތު 15 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އެބަހުއްޓެެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ފަތުރުވެރިންނާއި 18 ސްޓާފުންނެވެ.

މިއަދު ރާއްޖެއިން އިތުރު 137 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި 2،615 މީހަކު އެބަ ތިއްބެވެ. އޭގެ ތެރެއިން 172 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.