ކޮވިޑް-19 އަށް މިއަދު 137 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ 18:00 އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 96 ދިވެހީން ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނެނީ ބަންގްލަދޭޝްގެ 25 މީހަކާއި، އިންޑިއާގެ ނުވަ މީހަކާއި ލަންކާގެ ދެ މީހަކާއި ނޭޕާލްގެ ދެ މީހަކާއި ފިލިޕީންސްގެ މީހަކާއި، ރަޝިއާ މީހަކާއި ގާނާގެ ރައްޔިތެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 129 ކޭސް އަކީ މާލެއިން ފެނުނު މީހުންނެވެ. ބާކީ އަށް މީހުންނަކީ އަތޮޅުތެރެއިން ފެނުނު ކޭސްތަކެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7،804 އަށް އަރާފައެވެ. އަދި މިއަދު ބަލިން ރަނގަޅުވި 119 މީހަކު ރަނގަޅުވި މީހުންނާއެކު ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ ވަނީ 5،155 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި 2،615 އެކްޓިވް ކޭސް ހިމެނޭއިރު ހޮސްޕިޓަލުތަކުން 172 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޓެސްޓަށް 112،927 ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރޭގައި ރިޕީޓުކޮށް ނަގާފައިވާ ސާމްޕަލްވެސް ހިމެނެއެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ މަރުވެފައެވެ.