މޮސްކޯ (ޖަނަވަރީ 13) : އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާކަމުގެ އެއްވެސް ހެއްކެތް އެމެރިކާއާއި އިސްރާއީލާ އަދި ޔޫރަޕްގެ ޤައުމަކަށް ވެސް ދެއްކިފައިނުވާ ކަމަށާއި އީރާނުގެ ނިއުކްލިޔަރ މައްސަލައަކީ ހުޅަނގުން ހިންގާ ސިޔާސީ ކަންތައްގަނޑެއް ކަމަށް ރަޝިޔާ ބުނެފި އެވެ.

ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ރައީސް ނިކޮލައި ބެތްރޮޝީވް ވިދާޅުވީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާކަމަށް އެމެރިކާއާއި އިސްރާއީލާ އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުން ވާހަކަދައްކާތާ 10 ވަރަކަށް އަހަރުވެފައިވާ އިރު އެކަމުގެ ހެކިދެއްކިފައިނުވުމުގެ އިތުރުން އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދާފައިވާތަންވެސް ފެނިފައިނުވާ ކަމުގަ އެވެ.

ބެތްރޮޝީވް ވިދާޅުވީ އެމެރިކާގެ ބޭނުމަކީ އެމެރިކާއާ އިދިކޮޅު ޤައުމެއްގެ ގޮތުގައި މިހާރުއޮތް އީރާން، އެމެރިކާގެ ވަށައިގެން އެނބުރޭ އަދި އެމެރިކާގެ ނުފޫޒުގެ ދަށުގައިވާ ޤައުމަކަށް ބަދަލުކުރުން ކަމުގައެވެ. ނިއުކްލިޔަރ ހަތިޔާރުގެ ވާހަކަދައްކައިގެން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާން ނިކަމެތިކުރުމަށް މަސައްކަތްކުރުމުގެ ފަހަތުގައިވަނީ އީރާނުގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އެމެރިކާ ގެންގުޅޭ އެމެރިކާގެ އަމިއްލަ ސިޔާސީ އެޖެންޑާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާ އިދިކޮޅު ޤައުމަކުން އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ޤައުމަކަށް އީރާން ބަދަލުކުރެވޭނީ އީރާނުގެ ވެރިކަމުގެ ނިޒާމް ބަދަލުކުރެވިގެން ކަމަށްވާތީ އެމެރިކާގެ އަމާޒަކީ އީރާންގެ ވެރިކަން ބަދަލުކުރުން ކަމަށް ވަރަށް ފާޅުކަންބޮޑުގޮތެއްގައި ރަޝިޔާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރަޝިޔާގެ "ކޮމްރުސްތާންތް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އީރާނުގެ ވެރިކަން ބަދަލުކުރުމަށްޓަކައި އެމެރިކާ ގެންދަނީ އީރާނާ ދެކޮޅަށް އިޤްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައްއަޅައި ޙިސާރުކޮށް އީރާނުގެ އިދިކޮޅުފަރާތްތަކަށް ބޮޑެތިއެހީތައް ފޯރުކޮށްދެމުން ކަމަށްވެސް ބެތްރޮޝީވް ވިދާޅުވިއެވެ.

އެމެރިކާއަކީ ޢިރާޤުގައިވެސް ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ފުޅާދާއިރާއެއްގައި ދޮގުހަދާފައިވާ ޤައުމެކެވެ. މިކަމުގެ ސަބަބުން އީރާނުގެ ނިއުކްލިޔަރ މައްސަލާގައި އެމެރިކާ ދައްކާވާހަކަތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އީރާނުގެ ނިއުކްލިޔަރ މައްސަލާގައި އެމެރިކާ ދައްކާވާހަކަތައް ޗައިނާއާއި ރަޝިޔާފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން ޤަބޫލުނުކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިޔާއާއި ޗައިނާވަނީ އީރާނާދެކޮޅަށް އެމެރިކާއާއި އެމެރިކާގެ ވަށައިގެން އެނބުރޭ ޔޫރަޕްގެ ޤައުމުތައް އެކަހެރިގޮތެއްގައި އަޅަމުންގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާނެކަން ހާމަކޮށްފައެވެ.

އީރާނުންވަނީ އެޤަމުގައި ހިންގަމުންގެންދާ ޓެރަރިޒަމްގެ ޙަރަކާތްތަކުގެ ފަހަތުގައި އެމެރިކާއާއި އިސްރާއީލާއި އިނގިރޭސިވިލާތް ވާކަމަށް ތުހުމަތުކޮށްފައެވެ. (ނޫސްއެޖެންސީތައް)