މޮސްކޯ (ޖަނަވަރީ 13) : މިއަހަރު ރަޝިޔާގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އެކަހެރިކޮށް ކަންތައްތައް ކުރުމުގެ ފުރްސަތު އެއްވެސް ޤައުމަކަށް ރަޝިޔާ ނުދޭނެ ކަމަށް އެޤައުމުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ބޮދުވަޒީރު ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެވެ.

ރަޝިޔާގެ މީޑިޔާއަށް ދެއްވި ބަޔާނެއްގައި ޕޫޓިންގ ވިދާޅުވީ ރަޝިޔާއަށް ފެންނަގޮތްވެސް ހިމެނޭގޮތަށް މެނުވީ އދ. ގެ ސަލާމަތީ މަޖިލީހުގައި ކަންތައް ނިންމުމުގެ ފުރްސަތު އޭނާގެ ވެރިކަމެއްގައި ރަޝިޔާ ނުދޭނެކަމުގައެވެ. އަދި އެހެންނިންމުންތައްވެސް ވަކިޤައުމަކުން އެކަހެރިކޮށް ނިންމަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަށް ރަޝިޔާ މަސައްކަތްކުރާނެ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން އިތުރަށް ވިދާޅުވީ ދުނިޔޭގެ އަމްނު އަމާންކަން ޤާއިމްކުރުމާއި ހަތިޔާރު ކޮންޓްރޯލްކުރުމާއި ޓެރަރިޒަމާ ހަނގުރާމަކުރުންފަދަ ކަންކަމާމެދު ނިންމުންތައް ނިންމަންޖެހޭނީ ހުރިހާ ބޮޑެތި ބާރުތަކެއްވެސް ޙިއްސާވެގެން ކަމަށާއި މިނޫންގޮތަކަށް ނިންމާ ނިންމުންތައް ތަންފީޒުކުރުމުގެ ފުރްސަތު ރަޝިޔާއިން ނުދޭނެކަމަށާއި އެކަންކަމަށް ހުރަސްއަޅަންވެސް ރަޝިޔާއޮތީ ތައްޔާރަށް ކަމުގައެވެ.

ޕޫޓިންގެ ވާހަކަތަކުގައި އިޝާރާތްކުރެެއްވީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އެމެރިކާ ގެންގުޅޭ އެކަހެރި ސިޔާސަތުތަކުގެ މައްޗަށް ކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާއަށް ގޮންޖެހުމުގެ ވާހަކަތަކަކީ ރަޝިޔާގެ ގިނަބަޔެއްގެ މެދުގައި މަޤްބޫލު ވާހަކަތަކެއް ކަމަށާއި މިފަދަ ވާހަކަތަކުގެ ސަބަބުން ޕޫޓިންގެ ތާއީދު އިތުރުވެގެންދާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)