އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރަނާބް މުކަރްޖީ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

އަދި ޕްރަނާބް މުކަރްޖީއަކީ ރައްޔިތުންނަށް ހިދުމަތް ކުރެއްވި ވަރަށް ގާބިލު ވެރިއެއް ކަމަށާއި އަދި އެމަނިކުފާނު އަވަހާރަވުމަކީ އިންޑިއާގެ އިތުރުން މުޅި ދެކުނު އޭޝިއާއަށް ވެސް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށް އިންޑިއާގެ ރައީސްކަން ކުރެއްވި ޕްރަނާބް މުކަރްޖީ އަވަހާރަވީ އުމުރުން 84 އަހަރުގައެވެ.

އެމަނިކުފާނު އަވަހާރަވީ، މި މަހުގެ ކުރީކޮޅުން ފެށިގެން ކޯމާއެއްގައި އޮންނެވުމަށްފަހުއެވެ.

ޕްރަނާބް މުކަރްޖީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި މަހުގެ 10 ވަނަ ދުވަހު، ސިކުނޑީގެ ސާޖަރީއެއް ކުރުމަށެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ހެދި ކޮވިޑް ޓެސްޓުން އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ކަން ވަނީ އެނގިފައެވެ.

އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނެރަންދުރަ މޯދީ އާއި އިތުރު އިސްވެރިން ވެސް އަންނަނީ ތައުޒިޔާގެ މެސެޖުތައް ފޮނުއްވަމުންނެވެ.