ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއް ރިސޯޓަށް ވުރެ ގިނަ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރެވޭ ގޮތަށް "ސްޕްލިޓް ސްޓޭ" އަށް ހުއްދަ ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ސްޕްލިޓް ސްޓޭ" ހުއްދަ ދިނުމަށް ނިންމާފައި ވަނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު ގައި މަޝްވަރާ ކުރެވި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

އަދި މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މަގުފަހިކޮށްދިނުމަށާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ "ސްޕްލިޓް ސްޓޭ" އަށް ހުއްދަ ދިނުމަށް ނިންމާފައި ވަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ފެތޭ ރިސޯޓުތަކުން އެޗްޕީއޭގެ ޝަރުރުތައް ފުރިހަމަކޮށް ޓޫރިޒަމް މިނިސްޓްރީއާށް ހުށަހެޅުމުން ކަމަށެވެ.

އަދި އެ ހުއްދައަށް އެދި ފަތުރުވެރިޔާ ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ދެ ދުވަސް ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި ވަނީ ބޯޑަރު އަލުން ހުޅުވާލައިފަ އެވެ.

ބޯޑަރު އަލުން ހުޅުވާލައި އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިން ތިބެންޖެހޭނީ އެމީހަކު ބުކިން ހައްދައިގެން އަންނަ ރިސޯޓެއްގައި ކަމަށާއި، އެއްރިސޯޓުން އަނެއް ރިސޯޓަށް ނުދެވޭނެ ކަމަށެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކަކީ ކޮވިޑް ސޭފް ޕްލޭނެއް އެކުލަވާލާފައިވާ ރިސޯޓަކަށް ވާންޖެހެ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންގައި ބުނާގޮތަށް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކޮވިޑް-19 ޕްރޮޓޮކޯލްސް އަށް ޓްރެއިން ކުރެވިފައި ތިބެންވާނެ ބައެއް ކަމަށާއި، ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ޓްރެއިނިން މުވައްޒަފުންނަށް ދެވިފައި ހުންނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.