އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަަވަހާރަވީ އުމުރުން 84 އަހަރުގައެވެ.

ރައީސް އަވަހާރަވިކަން އިއުލާންކުރެއްވީ އޭނާގެ ދަރިފުޅު އަބީޖީތު މުކަރުޖީ ކުރެެއްވި ޓުވީޓަކާއެކުއެވެ.

އަވަހާރަވިއިރު ޕްރަނާބް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮންނެވީ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެގެން ހޮސްޕިޓަލްގައެވެ. އަދި ފަހުން އެކަން ރަނގަޅުކުރަން ސިކުނޑީގެ ސާޖަރީއެއްވެސް ހައްދަވައިފައެވެ.

އޭގެ އިތުރުން އެމަނިކުފާނު ކޮވިޑަށްވެސް ވަނީ ޕޮޒިތިވްވެފައެވެ. އަދި ފުއްޕާމޭގައި ޖަރާސީމު އުފެދި ވަނީ ސެޕްޓިކް ޝޮކެއްވެސް ޖެހިވަޑައިގެންފައެވެ.

ޕްރަނާބްއަކީ އިންޑިއާގެ 13 ވަނަ ރައީސްއެވެ. އެމަނިކުފާނު ވަނީ 2012 އިން 2017 އަށް ރައީސްކަންވެސް ކުރައްވައިފައެވެ. ރައީސްކަން ކުރެއްވުމުގެ ކުރިން 2009 އިން 2012 އަށް ވަނީ ޔޫނިއަން ފައިނޭންސް މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.

ޕްރަނާބްގެ ސިއްހީ ހާލަތު ދަށްކަމުން އެމަނިކުފާނު 2017 ވަނަ އަހަރު ވަނީ ސިޔާސީ ދާއިރާއިން ރިޓަޔާކުރައްވައިފައެވެ.

އިންޑިއާގެ ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން އަރުވާ އެންމެ މަތިވެރި ޝަރަފެއްކަމަށްވާ ބާރަތު ރަނާ މިދިޔަ އަހަރު ވަނީ އެމަނިކުފާނަށް އަރުވައިފައެވެ.

އިންޑިއާގެ ބަންގޯލްގެ އާއިލާއަކަށް އުފަންވެވަޑައިގެންނެވި ޕްރަނާބްގެ ބައްޕައަކީ އިންޑިއާ އިނގިރޭސިންގެ އިސްތިއުމާރުން މިނިވަންކަންކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއްވެސް މެއެވެ.