13 Jan 2012, 13:34
އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ފުލުހުން ރޭ ހައްޔަރުކުރި ގައުމީ ޕާޓީގެ ނާއިބު ލީޑަރު އަބްދުލްމަތީން ރޭ ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ ދަންވަރު 2:10 އެހާކަންހާއިރު މަތީން ދޫކޮށްލައިފައިވާނެ ކަމަށާއި ނަމަވެސް ގައުމީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"ރޭ ދަންވަރު މަތީން ދޫކޮށްލައިފައި ވާނީ. ތަހުގީގު އަދިވެސް ކުރިއަށް ދާތީ، އަހައްމައިދީ ދޫނުކުރޭ،" އޭނާ ވިދާޅުވިއެވެ.
ގައުމީ ޕާޓީގެ ނައިބު ލީޑަރު މަތީން ހައްޔަރުކުރީ ހޯމް މިނިސްޓަރު ހަސަން އަފީފު ފުލުސް އޮފީހަށް ވަންނަވަނިކޮށް، މަތީން، އަފީފުގެ އިސްތިއުފާއަށް ގޮވައި ފުލުސް އޮފީސް ކުރިމަތިން ޕޭމަންޓްމަތީގައި އިށީންނެވި ތަނާ އެވެ.
ނަމަވެސް އަހައްމައިދީ ހައްޔަރުކޮށްފައި ވަނީ ދި ޓީވީގެ ޕްރޮގްރާމެއްގައި އަހައްމައިދީ ދެއްކެވި ވާހަކަތަކެއްގައި ސަރުކާރާ މެދު ލާދީނީ ތުހުމަތުކޮށް، ސާބިތު ނުހިފޭ ވާހަކަ ދެއްކި ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ ތަހުގީގު ކުރެއްވުމަށް ފުލުހުންނަށް އެންގެވުމުންނެވެ.
އަހައްމައިދީގެ ވަކީލު ޑރ. ހަސަން ސައީދު ރޭ ވިދާޅުވީ އަހައްމައިދީ ހައްޔަރު ކުރީ، އޭނާ ފުލުސް އޮފީހުގައި ދެއްކެވި ވާހަކަތަކާއި އަދި ބޭރަށް ނުކުމެ ދައްކަވައިފާނެ ވާހަކައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ފުލުހުންނާ ހަވާލާދެއްވައި ހަސަން ސައީދު ވިދާޅުވީ އަހައްމައިދީ ހައްޔަރުކުރީ ކީއްވެގެން ކަން 24 ގަޑި އިރުގެ ތެރޭގައި އަންގާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.
ނަމަވެސް މިއަދު ކޯޓު ހުޅުވިހާ އަވަހަކަށް އަހައްމައިދީ މިނިވަން ކުރުމަށް މައްސަލަ ކޯޓަށް ވައްދަވާނެ ކަމަށް ވެސް ހަސަން ސައީދު ވިދާޅުވި އެވެ.
ސާބިތު ނުހިފޭ ވާހަކަ ދައްކަވާ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަމުރަށް ގައުމީ ޕާޓީގެ ނައިބު ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ދެތިން ގަޑި އިރަށް ފަހު، އަދި ސުވާލުތަކެއް ކުރިމަތި ކުރުމަށް ފަހު ޖަމީލު ވަނީ ދޫކޮށްލައިފަ އެވެ.