31 Aug 2020, 19:04
ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ދެންމުމަށް ފާސްކޮށްފިއެވެ.
މި ދައުރުގެ ފަހު ޖަލްސާ މިއަދު އޮތް އިރު، ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގެ ހުވާ ދެވަނަ ފަހަރަށްކޮށް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ރުހުން ހޯދުމަށް މަޖިލީހަށް މިއަދު ފޮނުވާފައެވެ. އަދި މިއަދު ހެނދުނު ރިޔާސަތު ވަނީ އެކަން އިއުލާންކޮށް އެ މައްސަލަ ވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވާފައެވެ.
މަޖިލިސް ގަވައިދުގައި ބުނާ ގޮތުން ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލައިގައި މަދުވެގެން ތިން ދުވަސް ދޭން ޖެހޭނެ ކަމަށެވެ.
މަޖިލިސް ރިޔާސަތުގައި އިންނެވި ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ، މިއަދު މަޖިލިސް ޗުއްޓީއަށް ގޮސްފިނަމަ، މައުސޫމު މަގާމަށް އައްޔަން ކުރެވި އޭނާއަށް ރުހުން ނުދީ އެ މައްސަލަ މަސް ދުވަހަށް ދިގު ދެމިގެންދާނެ ކަމަށެވެ. ގާނޫނު އަސާސީން އެގޮތަށް ޖާގަ ދިން ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ މައުސޫމަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށްޓަކައި ދައުރު ދިގު ކުރުމަށް މެމްބަރުން ގޮތެއް ނިންމުން ކަމަށް އީވާ ވިދާޅުވިއެވެ.
އެހެން ކަމުން ރިޔާސަތުން ހުށަހެޅުއްވީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މަޖިލިސްގެ ދެވަނަ ދައުރު ދިގު ދެންމުމަށެވެ.
މަޖިލިސް ގަވައިދުގާވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ނިމޭނީ މި ހިނގާ އޮގަސްޓް މަހުގެ ނިޔަލަށެވެ. އެހެން ނަމެވެސް މެމްބަރުން ބޭނުން ވެއްޖެ ނަމަ ދައުރު ދިގު ދެމުމާމެދު ގޮތެއް ނިންމުމުގެ ބާރު މެމްބަރުންނަށް އޮވެއެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދައުރު ދިގު ދަންމަން ރިޔާސަތުން ހުށަހެޅި ހުށަހެޅުން ފާސްވީ 64 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
މައުސޫމު ޓޫރިޒަމް މިނިސްޓަރު ކަމުގެ ހުވާ ފުރަތަމަ ކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމުން އޭނާ ފުރަތަމަ ކުރެއްވި ހުވާގެ ސައްހަ ކަމާ މެދު މަޖިލިސް ބައެއް މެންބަރުން ވަނީ ސުވާލު އުފައްދާފަ އެވެ.
އެހެންވެ، ކޮމިޓީން އޭނާއަށް ރުހުން ދިނުމަށް ފާސްކޮށް ތަޅުމަށް ފޮނުވި ނަމަވެސް މިިދޔަ ބުދަ ދުވަހު އަލުން އެމައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލިއެވެ. އޭގެ ފަހުން ކޮމިޓީން ނިންމާފައި ވަނީ، އެ މައްސަލައިގައި އެއްވެސް ޝައްކެއް ނުބޭއްވުމުގެ ގޮތުން އޭނާ އަލުން ހުވާ ކުރުމަށް ރައީސް އޮފީހަށް ލަފާ ދިނުމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓަށް ވޯޓަށް ނާހަނީސް އިއްޔެ މައުސޫމު ވަނީ އަލުން މަގާމުގެ ހުވާ ކުރައްވާފައެވެ.
މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުދަ ދުވަހުއެވެ.