31 Aug 2020, 15:32
ކުލަބުތަކުގެ އާއްމުދަނީ އިތުރު ކުރުމަށްޓަކައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެފައިވާ ވައުދުގެ ތެރެއިން އެ އިދާރައިގެ ފައިނޭންޝިއަލް އެސިސްޓެންސް ޕްރޮގުރާމު އިފްތިތާހު ކޮށްފި އެވެ.
ކުލަބުތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ބައްސާމް މިފަހުން ވިދާޅުވީ، އެފްއޭއެމްގެ ރައީސް ކަމުގެ މަގާމާ އޭނާ ހަވާލުވެ ވަޑައިގެންނެވުގެ ކުރިން އެފްއޭއެމުން ކޮންމެ ކުލަބަކަށް ދެމުން ގެންދިޔައީ އަހަރަކު 150،000 ރުފިޔާ ކަމަށެވެ. ނަމަވެސް އެއަށްފަހު ރައީސް ކަމުގެ މަގާމާ ހަވާލުވެ ކޮންމެ ކުލަބަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ފޯރުކޮށް ދިނުމުން ލިބުނު ކުރިއެރުންތައްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އެކަމަކު މިފަހަރުގެ ދައުރުގައި، ބައްސާމް ވައުދުވެވަޑައިގެންނެވީ ކޮންމެ ކުލަބަކަށް ދާއިމީ ގޮތެއްގައި އަހަރަކު ތިން މިލިއަން ރުފިޔާ ދިނުމުގެ ވައުދެއް ނޫނެވެ. އޭނާ މިފަހަރު ހުށައެޅީ ކުލަބުތަކުން އަމިއްލައަށް ވިޔަފާރި ކޮށްގެން އާންމުދަނީ ހޯދުމުގެ ގޮތުން އެހީތެރިވެދިނުމާއި، ކުލަބުތައް އަމިއްލަ ފައިމައްޗަށް ކޮޅަށް ނެގުމުގެ ވައުދެވެ.
އެގޮތުން އެފްއޭއެމްގެ "ޓުވާޑްސް ފިއުޗާ" ޕްރޮގުރާމުގެ ދަށުން ފައިނޭންޝިއަލް އެސިސްޓެންސް ޕްރޮގުރާމެއް އެކުލަވާލައި ކުލަބުތަކާ އެކު މިއަދު ވަނީ ބައްސާމް އެއްބަސް ވުމުގައި ސޮއި ކޮށްފަ އެވެ.
"މި އެގްރިމެންޓުގެ މައިގަނޑު އަސާސް ބިނާވެގެން މިދަނީ ހަތް ކަމަކަށް. އޭގެ ތެރޭގައި ކުލަބު ލައިސަންސް، އެކަޑަމީ އެންޑް ޔޫތް ޑިވެލޮޕްމެންޓް، ކުލަބް މެނޭޖްމެންޓް، ކުލަބް ފައިނޭންޝިއަލް ރިޕޯޓް، ސީނިއާ ވިމެންސް އެކްޓިވިޓީޒް އަދި ސީއެސްއާރުގެ އިތުރުން ޕްރޮމޯޝަނަލް އެކްޓިވިޓީސް ހިމެނޭ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވި އެވެ.
ޖަވާ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މާލީ ގޮތުން ކުލަބުތަކަށް ލިބޭ އެހީތަކުގެ އިތުރުން ބިޒްނަސް މޮޑެލަކަށް ކުލަބުތައް ބަދަލުކުރުމަށާއި، އަމިއްލަ ފައި މައްޗަށް ތެދުވުމަށް ކުލަބުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކުލަބުތައް ވިޔާފާރި މޮޑެލްއަށް ބަދަލު ކުރާނީ އުމުރާނީ ވަސީލަތްތަކުން ސީދާ ކުލަބުތަކަށް ވިޔާފަރި ކުރެވޭނެ އުސޫލެއް ހަމަޖައްސައިގެން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
އެފްއޭއެމްގެ މިހާރު އޮފީސް ހުރި ބިމުގައި 20 ފަންގިފިލާ ހިމެނޭ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ އިމާރާތުގެ ބައެއް ފަންގިލާތައް ކުލަބުތަކަށް ދީގެން ކުލަބުތަކަށް އާންމުދަނީ ހޯދޭނެ މަގުތަކެއް ތަނަސްވަސް ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
"ކުލަބުތަކަށް އެންމެ މުހިންމު ކަމަކީ މާލީ އެހީތެރިކަން ފޯރުކޮށް ދެވިގެން ދިއުން ކުރިއަށް އޮތްތާންގައި ބަލަންޖެހޭނީ ސަސްޓެއިނަބަލް [ދެމެހެއްޓެނިވި] ގޮތެއްގައި ކުލަބުތަކަށް ފައިސާ ލިބޭނެ ގޮތެއް ހޯދުން،" ބައްސާމް ވިދާޅުވި އެވެ. "އެގޮތުގެ މަތިން އަޅުގަނޑުގެ މިހާރުގެ ވިސްނުމަކީ ކުލަބުތަކާއެކު މަޝްވަރާ ކޮށްގެން ބިޒްނަސް މޮޑެލްއަކަށް ބަދަލުވެގެން ދިއުން، އިރާދަ ކުރައްވިއްޔާ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ހުރިހާ ކުލަބެއް ކަހަލަގޮތަކަށް ބިޒްނަސް މޮޑެލްއެއްގައި ރަން ކުރާތަން ފެނިގެން ދާނެ." އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިފަހުން އެ އިދާރާއިން ގެނެސްދިން ޓޯކްޝޯއެއްގައި ވިދާޅުވެފައިވެ އެވެ.