31 Aug 2020, 15:24
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލާއި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ރައީސް މިއަދު ތަސްދީގުކުރެއްވި ތިން ބިލަކީވެސް މި މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ތިން ބިލެވެ.
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލަކީ ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ އަމަލުތައް މަނާކުރުމަށް އެކުލަވާލައިފައިވާ ބިލެކެވެ.
ވިޔަފާރީގެ ވާދަވެރިކަމާ ބެހޭ ބިލަކީ މާކެޓުގައި ނުފޫޒުފޯރުވޭނޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުން ހުއްޓުވަން މަސައްކަތް ކުރާ ބިލެކެވެ. އަދި އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ މާޖާއެއް ހެދުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ހިލާފަށް ހުރަސްއެޅިގެން ދާ ދިޔުން އެ ބިލުން ކޮންޓްރޯލު ކުރަން އެ ބިލުގައި އުސޫލެއް ކަނޑައަޅާފައިވެ އެވެ.
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލުގައި ބުނެފައި ވަނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ހޯދާ ފަރާތްތަކަށް ހިމާޔަތް ލިބިދެވޭ ގޮތަށް ގިނަ މާއްދާތަކެއް ހިމަނާފަ އެވެ. އެގޮތުން މައްސަލަ ޖެހިފައިވާ މުދަލެއް ގަތުމާއި ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އެ މުދަލެއް ގަންނަ ފަރާތަށް ލިބިގެންވާ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
މައްސަލަ ޖެހިފައިވާ މުދަލަކާ ގުޅިގެން ޒިންމާ ނަގަން ޖެހޭ ފަރާތްތައްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގައި ބުނެފައިވަނީ މުދާ ރާއްޖެ އެތެރެކުރި ފަރާތާއި މުދާ ވިއްކާ ފަރާތް އަދި މުދާ އުފެއްދި ފަރާތުންވެސް މައްސަލަޖެހިފައިވާ މުދަލަށް ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
މައްސަލަޖެހިފައިވާ މުދަލަކާ ގުޅިގެން ކުރާ ދައުވާއިން ދިފާއުވުމުގެ ހައްގު މުދާ ވިއްކާ ފަރާތަށް ނުވަތަ އުފެއްދި ފަރާތް ނުވަތަ ރާއްޖެ އެތެރެކުރި ފަރާތަށްވެސް ލިބިގެންވެ އެވެ. އަދި އެ މުދަލަކާ ގުޅިގެން ސާބިތުކޮށްދޭން ޖެހޭނީ ކޮން ކަމެއް ކިހާ މިންވަރަކަށް ކަންވެސް ބަޔާންކޮށްފައިވެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް އެ މިނިސްޓްރީއިން ގާއިމުކުރަންޖެހޭނެކަމަށް ކަނޑައަޅައިފައިވެއެވެ.
އަދި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެނަމަ އެ ފައިސާއަކީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްކަމުގައި ކަނޑައަޅައި ޝަރީއަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ލިބިގެންވާކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ތިމާވެއްޓާ ރަށްޓެހިކޮށް ފަރުމާކޮށްފައި ހުންނަ އެއްގަމު އުޅަނދު އަދި ބެޓަރީ ހަކަތަ ނުވަތަ އިރުގެ ހަކަތަ ފަދަ، ތެޔޮ އަންދައިގެން އުފައްދާ ހަކަތަ ނޫން އެހެން ހަކަތައެއް ބޭނުންކޮށްގެން ދުއްވާ އެއްގަމު އުޅަނދު ރަޖިސްޓަރީކުރަން ނުޖެހޭ ގޮތަށް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން ގަބޫލުކުރާ އެހެން ގައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، 90 ދުވަހަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެކަމަށް ކަނޑައަޅުމާއި ޓެކްސީގެ ހިދުމަތްދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ހަޔާގެ ހިދުމަތް ދެވޭނެ ގޮތްތައް ކަނޑައެޅުމާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުފަހަރާމެދު އަމަލުކުރެވޭ އިޖުރާއަތުތައް ވެސް އެ ބިލުގައި ހިމަނާފައިވެއެވެ.
ރައީސް މި ބިލުތައް ތަސްދީގުކުރެއްވުމާއި ގުޅިގެން މި ތިން ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.