31 Aug 2020, 15:19
ސިޔާސީ ޕާޓީތަކާމެދު އަމަލުކުރަނީ ތަފާތު ކުރުމެއް ނެތިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު މުއައްސަސާއެއް ކަމަށާއި ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ އިލެކްޝަސް ކޮމިޝަނުގެ ގާނޫނާ އެއްގޮތަށް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެ ކޮމިޝަނުގެ މެންބަރުންންނާއި މުވައްޒަފުން މަސައްކަތް ކުރަނީ ގާނޫނުއަސާސީއާއި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އެ ބަޔާނުގައި ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާ ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމާއި ޕާޓީތަކުގެ ދަފްތަރު ބެލެހެެއްޓުން އަދި ޕާޓީތައް ރެގިޔުލޭޓުކޮށް ފިޔަވަޅު އެޅުމުގެ ގާނޫނީ ޒިންމާ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އޮތްއިރު، އެ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ޕާޓީތަކާއިމެދު އަމަލުކުރަމުންދަނީ ހަމަހަމަކަމާއި ސިޔާސީ ފިކުރަށް ތަފާތުކުރުމެއް ނެތި ކަމަށެވެ.
އެ ބަޔާނުގައި ބުނީ އިންތިހާބުގެ ކަންކަން ކުރުމާއި ހިންގުން އަދި ބެލެހެއްޓުމާއި އެކަންތައް މަގުފަހިކުރުމާއި އަދި އިންތިހާބުތައް ހިނގަނީ އިންސާފުވެރިކަމާއިއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކުކަން ކަށަވަރުކޮށް ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭނެ ގޮތްތައް ކަށަވަރުކުރުމަކީވެސް އެ ކޮމިޝަނުން އަބަދުވެސް ޔަގީންކުރާކަމެއް ކަމަށެވެ.
އެ ބަޔާނުގައ ބުނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން އަމަލުކުރާއިރު، އެ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި އަދި އެހެން ގޮތްގޮތަށް ބިރުދައްކައި ހަޑިހުތުރު ބަހުން މުއާމަލާތްކުރުން ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެކަންތައް ހުއްޓާލުމަށްވެސް އީސީއިން ވަނީ އިލްތިމާސް ކޮށްފައެވެ.