13 Jan 2012, 13:26
މިދިއަ އާދީއްތަ ދުވަަހު ރޭ ރަހުމު ކުޑަގޮތަލަށް މަރައިލައި ދ. ކުޑަހުވަދޫ ފަޅު ގޯއްޗެއްގެ ތެރެއަށް އެއްލައިލާފައި އޮއްވާ ފެނުނު އެ ރަށު ސަމަންދަރު، އަލީ ހަސަން (އައްޔުބެ)ގެ މަރު ގެ ތަހުގީގާ ގުޅިގެން ފުލުހުން އެ ރަށުގައި ކުރާ ތަހުގީގުގައި ގާތްގަނޑަކަށް ތިން ފޫޓު ހުންނަ ވަރުގެ ބޮޑު ވަޅިއެއް ހޯދައިފި އެވެ.
ތަހުގީގު ފުލުހުން އެ ކަތި ވަޅި ހޯދާފައި ވަނީ މިއަދު ހެނދުނު ގޮނޑުދޮށް ކޮނެގެނެވެ. ކަތިވަޅި ހޯދީ ކުޑަހުވަދޫ ހުޅަނގު ފަރާތު، ވަސީމާ ތުނޑީގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ތުނޑީ ސަރަހައްދުގެ "ތިންރުއްގަނޑު" ގެ އަތިރިމަތީގައި ވަޅުލާފައި އޮއްވަ އެވެ.
އައްޔުބެގެ މަރާ ގުޅިގެން ކުޑަހުވަދޫގައި ގާއިމުވެ ތިބި ތަހުގީގު ޓީމް އާދަޔާހިލާފު ގޮތަކަށް ހަރަކާތްތެރިވާން ފެށީ ރޭ ދަންވަރު އެވެ. ފުލުހުންގެ ޓީމު ރޭ ދަންވަރު ވަސީމާ ތުނޑި އަށް ނައްޓައިލި ވަގުތުން ފެށިގެން ސަންގެ ނޫސްވެރިން ދިޔައީ ފުލުހުންގެ މަސައްކަތްތައް ބަލަމުންނެވެ. ނަމަވެސް ނޫސްވެރިން ދިޔައިރު ފުލުހުން ވަނީ އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފަ އެވެ. އެ ސަރަހައްދަށް ވަންނަން އެދުމުން ވެސް ތަހުގީގު ކުރިޔަށްދާތީ އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދެވެން ނެތް ކަމަށް ވަނީ އަންގާފަ އެވެ.
ނަމަވެސް މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން މީހަކާއެކު ފުލުހުން އަތިރިމަތިން ވަރަށް ބޮޑު ސަރަހައްދެއް ބަލައި ކޮނުނު މަންޒަރު ސަންގެ ނޫސްވެރިންނަށް ފެނުނެވެ. މަންޒަރު ފެނުނު ގޮތުން އެ ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ހައްޔަރު ކޮށްފައި ހުރި މީހާގެ އެހީގަ އެވެ. އޭނާ އަތުން އެކި ދިމަދިމާ އަށް އިޝާރާތް ކުރާ މަންޒަރު ފެނުނެވެ.
ރޭގެ ދަންވަރު ވަގުތުގައި އެ ސަރަހައްދުގެ އެއް ދިމާ ކޮނުމަށް ފަހު އަތިރިމަތީގެ އެހެން ދިމާއެއް ވެސް ފުލުހުން އެމީހާ ގޮވައިގެން ގޮސް ބެލި އެވެ. އެ މަސައްކަތް ކުރި އިރު މޫދަށް އެރި ފީނާ ޒާތުގެ މާސްކްތައް ވެސް ގެންގުޅުނެވެ. ނަމަވެސް މޫދަށް އެރި ފީނާފައެއް ނުވެއެވެ.
ކުޑަހުވަދޫގައި ގާއިމުވެ ތިބި ފުލުހުންގެ ޚާއްސަ އޮޕަރޭޝަން ރޭ ހުއްޓައިލީ މެންދަމު 2:00 ޖަހައި ބޮޑުވިފަހުންނެވެ. މަސައްކަތް ހުއްޓައިލި ނަމަވެސް ރެއިން ފެށިގެން އެ ސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ.
ފުލުހުން ދެ ވަނަ ބުރަކަށް ވަސީމާ ތުނޑިއަށް ދިޔައީ ހެނދުނު އެވެ. ހެނދުނު ދިޔައީ ވެސް ރޭ ގެންދިޔަ މީހާ ގޮވައިގެނެވެ. ހެނދުނު މޫދަށް އެރި އެއްޗެހިތަކެއް މޫދުން ނަގާފައިވާއިރު އެއީ ކޯންޗެއް ކަމެއް ސާފެއް ނުވެއެވެ.
ހިކި ދިޔައިގައި އެ ސަރަހައްދުގެ މޫދު ތެރޭގައި ފުލުހުން އުޅުނީ ކަށިމަތީ ފެނުގަ އެވެ. މޫދުތެރޭގައި ފުލުހުން އުޅުނު އިރު ވެސް ހައްޔަރުގައި ބަހައްޓައިގެން ގެންދިޔަ މީހާ އަތުން އިޝާރާތް ކުރާ މަންޒަރު ފެނުނެވެ. ފެނުނު ގޮތުން ބޮޑަށް ބެލެވެނީ ހެނދުނު ވެސް ފުލުހުންގެ މަސައްކަތް ކުރިޔަށް ގެންދަނީ އޭނާގެ ވެސް އެހީތެރި ކަމާއި އެކުގައި ކަމަށެވެ.
އެމީހާއާއެކު ހެނދުނު ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރު މަސައްކަތް ކުރުމަށް ފަހު ފުލުހުން އެ ސަރަހައްދު ދޫކޮށް ދިޔަތާ ގަޑިއެއްހާއިރު ފަހުން ފެނުނީ ކުޑަކުއްޖަކާއި އެ ކުއްޖާގެ ބެލެނިވެރިޔާ ފުލުހުންގެ އޮފީހަށް ހާޒިރުކުރި މަންޒަރެވެ. އޭގެ ހަމަ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ކުޑަކުއްޖާ އާއި ބެލެނިވެރިޔާ އާއި ގޮަވައިގެން ފުލުހުންގެ ޓީމު އަނެއްކާވެސް ވަސީމާ ތުނޑިއަށް ނައްޓައިލި އެވެ.
މި ފަހަރު ފުލުހުންގެ ޓީމުން ކޮންނަން ފެށީ ވަސީމާ ތުނޑީގެ ދެކުނު ފަރާތުންނެވެ. ބޮޑު ކަތިވަޅި ފުލުހުން ނަގާފައި ވަނީ މި ސަރަހައްދު ކޮނެގެނެވެ. މި ސަރަހައްދު ކޮނުނު އިރު ފުލުހުން ގެންދިޔަ ކުޑަކުއްޖާ އަތުން އިޝާރާތްކޮށް ހެދި މަންޒަރު ސަންގެ ނޫސްވެރިންނަށް ފެނުނެވެ.