ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ނޫސްވެރިންގެ ހިތްހަމަނުޖެހުންތަކާ ހެދި ހަމަނުޖެހުން ބޮޑުވެ 2014 ވަނަ އަހަރުން ފެށިގެން އެމްޖޭއޭގެ ހިންގާ ކޮމިޓީއެއް އިންތިހާބު ނުކުރެވި، އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮއްވާ ޖަމިއްޔާތަކުގެ ބެލެނެވެރިފަރާތް ޔޫތު މިނިސްޓްރީއިން ވަނީ އަންނަ މަހުގެ 13ގެ ކުރިން ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް އަންގައިފަ އެވެ.

އެހެންކަމުން، އިންތިގާލީ އިންތިހާބީ ކޮމިޓީއެއް އެކުލަވާލައި ހާއްސަގޮތުން ބެއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި އަލުން ޖަމިއްޔާގެ ދަފްތަރު އެކުލަވާލަން މެމްބާޝިޕަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ.

އަލުން އެކުލަވާލާ ދަފްތަރުގައި ހިމެނުމަށް މެމްބާޝިޕް ފޯމު ހުށަހަޅަން އެންމެ ފުރަތަމަ ހުޅުވާލީ މިއަދު މެންދުރު 2:00ގެ ނިޔަލަށެވެ. ނަމަވެސް، މިއަދު އެ މުއްދަތު ވަނީީ މިރޭ 12:00އަށް އިތުރުކޮށްފަ އެވެ.

އެމްޖޭއޭއިން ބުނީ މުއްދަތު އިތުރުކުރީ ފޯމު ހުށަނޭޅި ތިބި ބައެއް ނޫސްވެރިންގެ އެދުމުގެ މަތިން ކަމަށެވެ.

އެމްޖޭއޭގެ ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާ ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު ފަސްވަނަ ދުވަހުއެވެ.

އެމްޖޭއޭގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުން މެންބަރުން އާންމު ޖަލްސާގައި އެކަމަށް ޝައުގުވެރިކަން ހާމަކުރަން ޖެހެ އެވެ. ވޯޓަށް އަހާނީ އެ ޖަލްސާގަ އެވެ.

ހިންގާ ކޮމިޓީ އެކުލެވިގެންވަނީ ހަ މަގާމެކެވެ. އެއީ ރައީސް، ނައިބު ރައީސް، ހިންގާ ސެކްރެޓަރީ، ބަޖެޓް ސެކްރެޓަރީ އަދި ޖަމިއްޔާގެ އާންމު މެންބަރުންގެ ތެރެއިން ދެ މެމްބަރުންނެވެ.

އެމްޖޭއޭއަކީ 2009 ވަނަ އަހަރު އުފަންވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވި އެތަކެއް ގޮންޖެހުމަކަށް މީގެ ކުރިން އެޑްރެސްކޮށް އަޑުއުފުލާ އެކަމުގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލު ކޮށްފަ އެވެ. އަދި ދިވެހި ނޫސްވެރިންނަށް ތަމްރީނާއި، ކިޔެވުމުގެ ގިނަ ފުރުސަތުތަކެއް ވެސް ވަނީ ހޯދައިދީފައިވެ އެވެ.