ރިޒޯޓު މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ހަދަން ވީ ވައުދު ފުއްދުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އިސްލާހު ހުށަހަޅުއްވައިފި އެވެ.

ހިސާން އިސްލާހު ހުށަހެޅުއްވީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ.

"މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން އޭނާ މަސައްކަތް ކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ." ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

އޭގެ އިތުރުން ވަޒީފާއަދާ ކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލަށް ބަހުސް ކުރައްވަމުން މިއަދު ހިސާން ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ނައިޓަށް ދެވެން ޖެހޭ ކަމަށެވެ. ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ކުދިންނަށް އެމީހުންގެ ޑިއުޓީ ގަޑި ނިމުނީމަ ނައިޓަށް ދެވެން ޖެހޭނެ ކަމަށް ކެމްޕޭނުތަކުގައިވެސް ދަންނަވާފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން ވީ ވައުދެއް. އަޅުގަނޑުމެން މި ދަނީ އެ ވައުދު ފުއްދަން މިއަދު،" ހިސާން ވިދާޅުވި އެވެ.

ހިސާން ހުށަހެޅުއްވި އިސްލާހަށް މިއަދު މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. ހިސާން ވިދާޅުވީ "ރިސޯޓުތަކުގެ މުވައްޒަފުންނަށް މިއަދުގެ ފަހުން ނައިޓަށް ދެވޭނެ" ކަމަށެވެ.