31 Aug 2020, 14:48
ޑޮލަރުގެ ރޭޓު ޕެރަލަލް މާކެޓުތަކުގައި އުފުލެމުންދާ ކަމަށާއި، ޑޮލަރުގެ ރޭޓު ފިކްސްޑް ރޭޓާ އެއްވަރަށް ދަށް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ރޭ ވިދާޅުވީ ރާއްޖެއަށް އެތެރެވާ ޑޮލަރުގެ 80 ޕަސެންޓަކީ ޓޫރިޒަމުން ލިބޭ އެއްޗެހި ކަމަށާއި މަސް އެކްސްޕޯޓުކޮށްގެންވެސް ޑޮލަރުން އާމްދަނީ ލިބޭ ކަމަށެވެ.
ނަމަވެސް ޑޮލަރު ލިބެންހުރި ހުރިހާ ދޮރެއް މިހާރު ހުރީ ބަންދުވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 18 ރުފިޔާއާއި 21 ރުފިޔާއާ ދެމެދަށް އުފުލިފައެވެ. މިއާއެކު އިމްޕޯޓުކޮށްގެން ރާއްޖޭގައި ވިއްކާ މުދަލުގެ އަގު އުފުލޭނެއެވެ.
ޑޮލަރުގެ އަގު އުފުލެމުންދާތީ އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ
"އެކަން މެނޭޖުކުުރުމަށް އިންޑިއާގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ތެރެއިން އެމްއެމްއޭއިން ދަނީ މަސައްކަތް ކުރަމުން. ކުރިއަށް އޮތްތަނުގައި، ބަޖެޓު ސަޕޯޓަށް ހޯދާ ފައިސާއާއި ބޭރުން ހޯދާ ލޯނާއި ހިލޭ އެހީ ބޭނުންކޮށްގެން ޑޮލަރުގެ ފިކްސްޑް ރޭޓައި ކައިރި ރޭޓަކަށް ގެންދެވޭތޯ މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވި މިއާއެކު ޕެރަރަލް މާކެޓުތަކުގައި މިހާރު ޑޮލަރުގެ ރޭޓު ހުރި މިންވަރު ދަށަށް ދާނެ ކަމަށެވެ.
އެހީގެ ގޮތުގައި މިހާތަނަށް 190 މިލިއަން ޑޮލަރުގެ އެހީއާއި ލޯނު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާ އިން 250 މިލިއަން ދޮލަރުގެ ބަޖެޓް ސަޕޯޓެއް ދޭން ނިންމާފައިވާކަން ފަހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އައިޑީބީއާއި އައިއެމްއެފް އަދި ވޯލްޑް ބޭންކު މެދުވެރިކޮށް ކޮންސެޝަނަލް ލޯނު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިހާރު ލަފާކުރާގޮތުން ރާއްޖޭގެ ފިސްކަލް ޑެފިސިޓު 15 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެކަން ފޫބައްދަން ލޯނު ނަގަން ޖެހިދާނެ،" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.