31 Aug 2020, 14:28
ދިއްލީ (އޮގަސްޓު 31): އިންޑިއާގެ މަޝްހޫރު ވަކީލެއް ކަމަށްވާ ޕްރަޝާންތު ބޫޝަން އެގައުމުގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ޓުވީޓުތަކެއް ކުރެއްވި މައްސަލައެއްގައި އޭނާ އެންމެ ރުޕީއަކުން ޖޫރިމަނާއެއް ދަައްކަން ހުކުމްކޮށްފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް މި މަހުގެ 14ގައި ބޫޝަންގެ މައްޗަށް ސާބިތުވީ މިދިޔަ ޖޫން މަހު އޭނާ ކުރެއްވި ދެ ޓުވީޓަކާ ގުޅިގެންނެވެ. އޭގެ ތެރެއިން ޖޫން 27 ގައި އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ގައުމުގެ "ޑިމޮކްރަސީ ނައްތާލުމުގައި" ސުޕްރީމްކޯޓާއި ކުރީގެ އުއްތަމަފަނޑިޔާރުންގެ ދައުރެއް ވާކަމަށް ވިދާޅުވެފަ އެވެ.
"އިންޑިއާގެ ޑިމޮކްރަސީ ނައްތާލާފައިވާ ގޮތަށް މުސްތަގުބަލުގައި ތާރީހު ދިރާސާކުރާ ފަރާތްތަކުން ބަލާއިރު، ޑިމޮކްރަސީ ނައްތާލުމުގައި ސުޕްރީމް ކޯޓުން އަދާ ކުރި ދައުރު ފާހަގަ ކުރާނެ، ހާއްސަކޮށް ކުރީގެ ހަތަރު އުއްތަމަފަނޑިޔާރުންގެ ދައުރު،" ބޫޝަން ޓުވީޓު ކުރެއްވި އެވެ.
އޭގެ ފަހުން ޖޫން 29ގައި އޭނާ، އުއްތަމަ ފަނޑިޔާރު ޝަރަދު އަރުވިންދު ބޯބްޑޭ ސައިކަލެއް މަތީ ހުންނަވާ ފޮޓޯއެއް ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރެއްވި އެވެ. އަދި އެއީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ލީޑަރަކަށް ނިސްބަތްވާ އަގުބޮޑު ސައިކަލެއް ކަމަށް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓު ލޮކްޑައުންކޮށް އިންސާފު ހޯދުމުގެ ހައްގު ރައްޔިތުންގެ އަތުން ނިގުޅައިގަނެފައިވާ ދަނޑިވަޅެއްގައި އުއްތަމަފަނޑިޔާރު ބީޖޭޕީގެ ލީޑަރަކަށް ނިސްބަތްވާ 50 ލައްކަ ރުޕީސްގެ ސައިކަލެއް، މާސްކެއް ނުވަތަ ހެލްމެޓެއްވެސް ނާޅުއްވާ ނާގްޕޫރުގައި ދުއްވަނީ،" ޓުވީޓުގައި ވެއެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ ބޫޝަން އެ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމަވާފަ އެވެ. އަދި އެކަމަށް މާފަށް އެދިވަޑައިގަތުމަށް ކޯޓުން އެންގި ނަމަވެސް ބޫޝަން ވަނީ އޭނާ ކުރެއްވި ޓުވީޓުތަކަކީ އޭނާގެ ގަބޫލު ކުރެއްވުންތައް ކަމަށާއި އެވާހަކަތަކަށް މާފަށް އެދިވަޑައިގަތުމުން އެއީ އިހުލާސްތެރި ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެންކަމުން މިއަދު ސުޕްރީމް ކޯޓުން ވަނީ ބޫޝަން އެއް ރުޕީން ޖޫރިމަނާކޮށްފަ އެވެ. އަދި ޖޫރިމަނާ ދައްކަވަންވެސް ދެކޮޅު ހައްދަވައިފި ނަމަ ތިން މަހަށް ޖަލަށްލާ، ވަކާލާތު ކުރުން ތިން އަހަރަށް މަނާ ކުރާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓާއި ދިއްލީ ހައި ކޯޓުގައި މަސައްކަތް ކުރައްވާތާ 30 އަހަރުވެފައިވާ ބޫޝަން ވަނީ ސަރުކާރުގެ ކޮރަޕްޝަނާއި ތިމާވެއްޓާއި އިންސާނީ ހައްގުތަކާ ގުޅުން ހުރި އެތައް ސަތޭކަ މައްސަލައެއްގައި ވަކާލާތު ކުރައްވާފަ އެވެ.