އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސް އިން އިއުލާން ކުރި "ޓޮޕް 45 ޑެސްޓިނޭޝަންސް 2012" ނުވަތަ 2012 ވަނަ އަހަރުގެ އެއްމެ މަގުބޫލު 45 މަންޒިލުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

އެންޓާޓިކާ އާއި ޖޯޑަން އަދި އިޓަލީ ފަދަ ގައުމުތަކާއެކު ރާއްޖޭގެ ނަން އެ ނޫހުގައި ހިމެނުނު އިރު ރާއްޖެއަށް ލިބިފައިވަނީ 27 ވަނައެވެ. އަދި ކޮންމެހެން ޒިޔާރަތްކުރަން ޖެހޭ މަންޒިލެއްގެ ގޮތުގައި ރާއްޖޭ ލިސްޓް ކޮށްފައިވާއިރު ރާއްޖެ އަކީ ރާޅާ އެޅުންތެރިންގެ ސުވަރުގެ ކަމަށްވެސް ވަނީ ލިސްޓްކޮށްފަ އެވެ.

އޮސްޓްރޭލިއާގެ "ޓްރޮޕިކް ސާފް"ގެ ފައުންޑާ އަދި ޑިރެކްޓަރު ރޮސް ފިލިޕްސް ބުނީ "ރާޅާ އެޅުންތެރިންނަށް އެއްމެ ރަނގަޅު މަންޒިލަކީ ރާއްޖެ" ކަމަށެވެ. އަދި "ރާޅާ އެޅުންތެރިން ނުވިޔަސް ރާއްޖެ އަންނަ ފަތުރުވެރިއަކަށް ހިތްގައިމުކަން ލިބޭނެ ކިތަންމެ ކަމެއް ކުރުމުގެ ފުރުސަތު ރާއްޖެއިން ލިބޭ" ކަމަށެވެ.