ގއ. ވިލިނގިލީގައި އާންމުންތަކެއް މުޒާހަރާ ކުރާތީ ގދ. ތިނަދޫއިން ކޮވިޑް-19އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު ވިލިނގިއްޔަށް އަރުވަން ހުރަސް އެޅިއްޖެ އެވެ.

ހުވަދު އަތޮޅުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ފެސިލިޓީއަށެވެ. އެހެންވެ ތިނަދޫއިން ޕޮޒިޓިވްވި މީހާ މިއަދު މެންދުރު 11:30 އެހާކަންހާއިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެނަ އެވެ. ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި މުޒާހަރާ ކުރާތީ އޭނާ ރަށަށް ނޭރުވި ދެ ގަޑިއެއްހާއިރު ވަނީ ވެފަ އެވެ.

ތިނަދޫއިން ޕޮޒިޓިވްވި މީހާ އެ ރަށަށް އަރުވަން ދެކޮޅު ހަދައި އެ ރަށުގެ ބައެއް ރައްޔިތުން މުޒާހަރާ ކުރަމުންދާތީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންވެސް މިއަދު ވަނީ ބުނެފަ އެވެ.

މުޒާހަރާގެ ބައިވެރިއަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ ވިލިނގިލީގައި ގާއިމް ކުރި ކޮވިޑް-19 ފެސިލިޓީއަކީ ފަރުވާ ދެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫން ކަމުން ކަމަށެވެ. އެގޮތުން އެތަނުގައި ހުންނަނީ އެންމެ ވެންޓިލޭޓަރެއް ކަމަށާއި، ކޮވިޑް ޓެސްޓު ހެދޭނެ ގޮތެއްވެސް ނެތް ކަމަށް ބުންޏެވެ. އަދި ނަރުހުންނާއި ޑޮކްޓަރުންވެސް އެކަށީގެންވާ ވަރަށް ނެތް ކަމަށް ބުންޏެވެ.

"އެތަނަށް ގެންގޮސްގެން ކޮން ފަރުވާއެއްތޯ ދެވޭނީ؟،" އޭނާ ބުންޏެވެ.

ވިލިނގިލީ ކައުންސިލުގެ ރައީސް މުސްތަފާ މުހައްމަދު "ސަން"އަށް ވިދާޅުވީ، މުޒާހަރާ ކުރަމުން ދަނީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ކަމަށެވެ. އަދި އެއީ ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، އެމްބިއުލާންސް ގެނެސް ބަލި މީހާ ރަށަށް އަރުވައި ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ވިލިނގިލީ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު "ސަން"އަށް ވިދާޅުވީ، ކޮވިޑް-19އަށް ޕޮޒިޓިވްވާ އުމުރުން 65 އަހަރުން މަތީ މީހުންނާއި، ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭން ޖެހޭނީ ކޮވިޑްއަށް ހާއްސަ ފެސިލިޓީގައި ކަމަށެވެ. ތިނަދޫއިން ޕޮޒިޓިވްވި މީހާ އަކީ 68 އަހަރުގެ މީހެއް ކަމަށާއި އެމީހާ ކޮންމެހެންވެސް ފެސިލިޓީގައި ބަހައްޓައިގެން ފަރުވާ ދޭން ޖެހޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ވިލިނގިލީ ކޮވިޑް-19 ފެސިލިޓީގައި ބައްޔަށް ޓެސްޓު ނުކުރެވުނަސް ބަލި މީހުންނަށް ފަރުވާ ދެވޭނެ ވަސީލަތްތައް އެބަ ހުރި ކަމަށެވެ.

އޭނާ ވިދާޅުވީ، ބަލި މީހާ ރަށަށް އަރުވައިގެން ރަށަށް އެއްވެސް ނުރައްކަލެއްވެސް ކުރިމަތި ނުވާނެ ކަމަށެވެ. ފެސިލިޓީއަށް ޕޮޒިޓިވް މީހުން ގެންދަނީވެސް އެކަމަށް ހާއްސަ އެމްބިއުލާންސެއްގައި ކަމަށާއި، ހޮސްޕިޓަލަށް ވަައްދާނީވެސް އާންމުން ބޭނުން ނުކުރާ ދޮރަކުން ކަމަށް ވިދާޅުވި އެވެ. އަދި ފެސިލިޓީ ހުންނަނީވެސް ހޮސްޕިޓަލުގައި އާންމުން ބޭނުން ކުރާ ސަރައްދާ ވަކިން ކަމަށްވެސް ވިދާޅުވި އެވެ.