31 Aug 2020, 14:23
ޖަރުމަނުގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންގެ މެދުގައި ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ސްޓަރައިކަރު ރޮބާޓް ލެވަންޑޮސްކީ ހޯދައިފި އެވެ.
ތާރީހީ ޓްރެބަލްއަކާ އެކު ބަޔާނުން ސީޒަން ނިންމާލި އިރު، ޖަރުމަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކޮށްފައިވަނީ ވެސް އެ ކުލަބުގެ ތިން ކުޅުންތެރިންނެވެ. އެގޮތުން އެ ޓީމުގެ ސްޓްރައިކަރު ލެވަންޑޮސްކީ 276 ވޯޓާ އެކު އެއްވަނަ ހޯދި އިރު ދެވަނައަށް ގޮސްފައިވާ ތޯމަސް މުލާއަށް ލިބިފައިވަނީ 54 ވޯޓެވެ. އަދި ތިންވަނައަށް ލިބުނު ޖޮޝުއާ ކިމިޗްއަށް ލިބުފައިވަނީ 49 ވޯޓެވެ.
ޖަރުމަނުގެ ލީޑިންގް ޖާނަލިސްޓުންނާއި، ފުޓުބޯޅައިގެ ނުފޫޒު ގަދަ ފަރާތްތަކުގެ މެދުގައި ނަގައި ވޯޓުން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވަންޑޮސްކީ ހޯދި އިރު އޭނާ ވަނީ މިފަހަރު ބަޔާނުން ހޯދި ތިން ތަށި ހޯދި އިރު ވެސް އެ މުބާރާތްތަކުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދައިފަ އެވެ. މި ނިމުނު ސީޒަނުގައި ޖުމުލަ 55 ގޯލު ފުރިހަމަ ކުރި ލެވަންޑޮސްކީއަށް މިފަހަރު ގެއްލުނު ހަމައެކަނި ގޯލު ޓްރޮފީއަކީ ޔޫރޮޕުގެ ރަން ބޫޓެވެ. ލެވަންޑޮސްކީއަށް ވުރެން ދެ ގޯލު އިތުރަށް ލީގުގައި ޖަހައިގެން އެ މަގާމު ހޯދީ ލާޒިއޯގެ ފޯވާޑް ޗީރޯ އިމޯބިލޭ އެވެ.
ލެވަންޑޮސްކީ 32 ޖަރުމަނުގެ އެންމެ ޝަރަފުވެރި މަގާމު ހޯދި އިރު މިއީ 2015 ވަނަ އަހަރުގެ ފަހުން މި މަގާމު ހޯދި ޖަރުމަނުން ބޭރު ފުރަތަމަ ކުޅުންތެރިޔާ އެވެ. އެފަހަރު އެ މަގާމު ދިފާއު ކުރީ އޭރު ވޮލްވްސްބާގަށް ކުޅެމުން ދިޔަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ.
"މިއީ ވަރަށް ބޮޑު ޝަރަފެއް. ހާއްސަކޮށް އަހަރަކަށް ފަހު އަހަރެއް މީހުން އަހަރެންނާ ދޭތެރޭ ކުރާ އުންމީދު ބޮޑު ވެފައި، އެކަމަށް އަހަރެން ކުރަން ޖެހޭ މަސައްކަތް އިތުރުވުމަކީ ލިބޭ ބޮޑު ޗެލެންޖެއް. މިކަން ކާމިޔާބުވީ، އެކުގައި ކުޅުނު ހުނަވެރިވެރި ޓީމް މޭޓުންގެ ވެސް މަސައްކަތުން." ޖަރުމަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުމާއެކު ލެވަންޑޮސްކީ ބުންޏެވެ.