ރޭ ފަތިހު މާލޭގައި ދެ ސައިކަލެއްގައި އަލިފާން ރޯކޮށް އަންދާލައިފި އެވެ.

ފޮލިސް މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މ. ރަނައުރާ ގޯޅީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ރޯވެފައިވާ ކަމަށާއި އެ ހާދިސާގެ ސަބަބުން ކައިރީގައި ޕާކްކޮށްފައި ހުރި އިތުރު ދެ ސައިކަލަކަށް ވެސް އަލިފާނުގެ އަސަރު ފޯރާ ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ބުނަން އަދި އަވަސް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

"ރޭ ފަތިހު 5:20 އެހާކަށްހާއިރު އަޅުގަނޑުމެންނަށް އާއްމުންގެ ބަޔަކު އެ މައްސަލަ ރިޕޯޓު ކުރި. ސީދާ ބަޔަކު ގަސްތުގައި ކުރި ކަމެކޭ ބުނަން އަދި ނޭނގޭ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.

މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.