03 Jul 2010, 10:22
ދެކުނު އެފްރިކާގައި ބޭއްވޭ ފީފާ ޥޯރލްޑް ކަޕް 2010 ގެ ކުއާރޓަރ ފައިނަލްގެ ފުރަތަމަ 2 މެޗް ނިމިގެން ދިޔައީ، ގިނަ ބައެއްގެ މޫނަށް ހައިރާންކަން ވެރިކުރުވަމުންނެވެ.
ފީފާ ޥޯރލްޑް ކަޕްގެ ތަށި މިހާތަނަށް 5 ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް ބަލިކޮށް، އެއްވެސް ޥޯރލްޑް ކަޕެއް ލިބިފައި ނުވާ ނެދަރލެނޑްސް މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުން ވެގެން ދިޔައީ، ދުނިޔޭގެ ފުޓުބޯޅައިގެ "ރަސްގެފާނުކަމަށް" ގިނަބަޔަކު ޤަބޫލުކުރާ ބްރެޒިލް އެމީހުންގެ ލޯގޯއަށް ތަރިއެއް އިތުރުކޮށްލުމަށް ކުރަމުން ދިޔަ އުންމީދުތަކަށް ނިމުމެއް ގެނެސްދިން ކަމަކަށެވެ. އަދި ހަމައެއާއިއެކު މިމެޗް ވެގެންދިޔައީ، ފީފާ ޥޯރލްޑް ކަޕް 2010 ގެ މެޗެއްގައި ޤައުމެއް ފަހަތުން އަރާ ބަލިކުރި ފުރަތަމަ ފަހަރަށެވެ. 2014 ގެ ފީފާ ޥޯރލްޑް ކަޕް ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ އެމީހުންނަށް ވަރަށް ރަނގަޅު ފިލާވަޅަކަށް ވެގެންދާނެ ކަމަށް ގިނަބަޔަކު ޤަބޫލުކުރެ އެވެ.
ކުއާރޓަރ ފައިނަލްގައި ރޭ ކުޅެވުނު ދެވަނަ މެޗް ނިމިގެން ދިޔައީ، ފީފާ ޥޯރލްޑް ކަޕް 2010 ގެ ކުއާޓަރ ފައިނަލާ ހަމައަށް އައިއިރު ސަލާމަތުން އޮތް އެފްރިކާ ބައްރުގެ ހަމައެކަނި ޤައުމުކަމަށްވާ ގާނާވެސް މުބާރާތާއި އަލްވަދާއު ކިޔަން ޖެހިގެންނެވެ. އުރުގުއާއީ މެޗް ކާމިޔާބުކުރީ މެޗްގެ 90 މިނިޓް ނިމުނުއިރު 1-1 ން އެއްވަރުވެފައި އޮތުމުގެ ސަބަބުން އިތުރު ވަގުތުގެ 2ހާފް ކުޅެގެންވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައި، 4-2ގެ ނަތީޖާއަކުންނެވެ.
ކުއާރޓަރ ފައިނަލްގެ މިރޭގެ ފުރަތަމަ މެޗްގައި އާރޖެންޓީނާއާއި ޖަރުމަނުވިލާތް ބައްދަލުކުރާއިރު، ގިނަބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ، ޖަރުމަނު ވިލާތުގައި 2006 ވަނަ އަހަރު އޮތް ފީފާ ޥޯރލްޑް ކަޕްގެ ކުއާރޓަރ ފައިނަލްގައި، 24 ޖޫން 2006 ގައި މިދެ ޤައުމު ބައްދަލުކުރި މެޗްގެ ނަތީޖާ މިރޭ ތަކުރާރުވެދާނެބާއެވެ؟ އެރޭގެ މެޗް ނިމިގެންދިޔައީ، 90 މިނެޓް ކުޅެ 1-1ން އެއްވަރުވުމުން، އިތުރު ވަގުތުގެ 2 ހާފްގައިވެސް އިތުރު ލަނޑެއް ނުފެނުމުން، ޕެނަލްޓީ ޖަހައި، 4-2ން ޖަރުމަނު ވިލާތް މޮޅުވެގެންނެވެ. މުބާރާތުގެ މިހާހިސާބަށް ޖަރުމަނުވިލާތް އައިސްފައިވަނީ، ކުޅުނު 4 މެޗްގެ ތެރެއިން 3 މެޗުން މޮޅުވެ، 1 މެޗުން ބަލިވެގެންނެވެ. އެހެންނަމަވެސް، އާރޖެންޓީނާ ކުއާރޓަރ ފައިނަލާއި ހަމައަށް އައިސްފައިވަނީ، ކުޅުނު 4 މެޗުންވެސް މޮޅުވެގެންނެވެ.
1950 ގައި ފީފާ ޥޯރލްޑް ކަޕްގެ 4 ވަނަ ލިބުނުތާ 58 އަހަރު ފަހުން، 2008 ވަނަ އަހަރު ޔޫރަޕްގެ ތަށި އުފުލާލި ސްޕެއިން މިރޭ ބައްދަލުކުރާނީ، ފީފާ ޥޯރލްޑް ކަޕްގެ ސެމީފައިނަލާއި ހަމައަށް އަދު ދުވަހަކުވެސް ގޮސްފައިނުވާ ޤައުމެއްކަމަށްވާ ޕެރެގުއާއީއާ އެވެ. ފުޓުބޯޅައިގެ ތާރީޚުގައި މިދެޤައުމު ބައްދަލުކޮށްފައިވަނީ ފަހަރެވެ. 1998ގައި ބައްދަލުކުރި މެޗާއި، 2002 ގައި ކުޅުނު 2 މެޗްގެ ތެރެއިން 1 މެޗް 0-0ން އެއްވަރުވެފައިވާއިރު، 2002 ގައި ކުޅުނު ދެވަނަ މެޗް 3-1 ން ކާމިޔާބުކޮށްފައިވަނީ ސްޕެއިން އެވެ. މުބާރާތުގެ މިހާހިސާބަށް ޕެރެގުއާއީ އައިސްފައިވަނީ، 2 މެޗުން މޮޅުވެ، 2 މެޗުން އެއްވަރުވެގެންނެވެ. އަދި ސްޕެއިން، މުބާރާތުގެ ކުއާރޓަރ ފައިނަލަށް އައިސްފައިވަނީ، ކުޅުނު 4 މެޗްގެ ތެރެއިން 3 މެޗުން މޮޅުވެ، 1 މެޗުން ބަލިވެގެންނެވެ.
ހައިރާންކުރުވަނިވި ނަތީޖާތަކެއް ފެންނަމުންދާ މިމުބާރާތުގެ ކުއާރޓަރ ފައިނަލްގައި މިރޭ ކުޅެވޭ ދެމެޗުންވެސް، ތަފާތު ނަތީޖާތަކެއް ފެނިގެންދާނޭކަމަށް ގިނަބަޔަކު ޤަބޫލުކުރެ އެވެ.