ކޮވިޑް19 ގެ ސަބަބުން އާމްދަނީ އަށާއި ވަޒީފާ އަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓު އެލަވެންސަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސަރުކާރުން ވަނީ އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރެއް ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާއި ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރު ކުރިއަށް ގެންދަން ނިންމައިފައެވެ.

ދެވަނަ ބުރުގެ ދަށުން އިންކަމް ސަޕޯޓު އެލަވެންސަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު ޖުލައި މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު ސެޕްޓެމްބަރު 15 ގެ ނިޔަލަށް އަދި އޮގަސްޓު މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތު ސެޕްޓެމްބަރު 30ގެ ނިޔަލަށް އޮންނާނެއެވެ.

ސެޕްޓެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތަކީ ސެޕްޓެމްބަރު އެކަކުން އޮކްޓޯބަރު 30 އަށެވެ.

އެލަވަންސަށް އެދި ހުށަހެޅޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

ވީހާވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށް މިހާރު ނިންމާފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާއި ގުޅިގެން އެބަޔެއްގެ ވަޒީފާ އަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 5،440 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 43.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.